ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 779 ޝަކުވާ ހުށަހަޅައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 779 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.
މިއަދު މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލި މި ފުރުޞަތުގައި ލިބުނު ޝަކުވާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެޑްރެސް ބަދަލުވުމާއި، ރަށްވެހިކަން ބަދަލުވުމުގެ އިތުރުން ނިޔާވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮތުމުގެ މައްސަލަތަކެވެ.
އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ މިހާރު ވަނީ ޤާއިމުކޮށްފައެވެ. އީސީން ބުނި ގޮތުގައި މި ބިއުރޯގެ މަޤުޞަދަކީ ރައްޔިތުންނަށް ފަސޭހައިން ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައި، އެ ކަންކަމަށް އަވަސް ޖަވާބެއް ދިނުމެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އީމެއިލް މެދުވެރިކޮށްނާއި، ކޮމިޝަނުގެ ކައުންޓަރުތަކުގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުގައި ތިބި ފޯކަލް ޕޮއިންޓުތައް މެދުވެރިކޮށްވެސް ވަނީ ފޯރުކޮށްދީފައެވެ.
އަންނަ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ވޯޓުލާ މީހުންގެ ލިސްޓު ސައްހަކުރުމަކީ އެންމެ މުހިއްމު އެއް މަސައްކަތެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ހުށަހެޅުނު ޝަކުވާތަކަށް ބަލައި، ލިސްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ފައިނަލް ލިސްޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުންކަމަށް އެކޮމިޝަނުން ބުންޏެވެ.
ވޯޓާސް ލިސްޓަށް ގިނަ ޝަކުވާތަކެއް ލިބުނުއިރު، އީސީން މިއަދު ވަނީ އިންތިހާބަށްހަރަކާތްތެރިވާނެ ބޭރުގެ އޮބްޒާވަރުނާއި މޮނީޓަރުން އައްޔަން ކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ.

