ޚަބަރު

ގްރީންލޭންޑް ހިފުމާ ދެކޮޅުވާ ގައުމުތަކަށް ޓެރިފް ބޮޑުކުރާނަން - ޓްރަމްޕް

ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ، ނަމަވެސް އަމިއްލަ އިޚްތިޔާރުތަކެއް ލިބިފައިވާ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅު ހަދާތީ، ވިލާތުގެ ބައެއް އިއްތިޙާދުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް (އިމްޕޯޓް ޑިއުޓީ) ބޮޑުކުރައްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު “ޓްރުތް ސޯޝަލް” ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އަންނަ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑެންމާކް، ފިންލޭންޑް، ފްރާންސް، ޖަރުމަނު، ނޯވޭ، ސްވިޑަން، ނެދަލޭންޑްސް އަދި އިނގިރޭސިވިލާތުން އެމެރިކާއަށް އެތެރެކުރާ މުދަލުން 10 އިންސައްތައިގެ ޓެރިފެއް ނަގަން ފަށާނެ ކަމަށެވެ. އަދި ގްރީންލޭންޑް އެމެރިކާއަށް ވިއްކާލުމުގެ އެއްބަސްވުމަކަށް ނާދެވޭނަމަ، ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ޓެރިފް 25 އިންސައްތައަށް ބޮޑުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ވިލާތުގެ އެއްވެސް ޤައުމަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މި ފިޔަވަޅުތަކަކީ “ނޭނގޭ ބޭނުންތަކަކު” އެ ޤައުމުތަކުގެ މަންދޫބުން ގްރީންލޭންޑަށް ކުރި ޒިޔާރަތްތަކާ ގުޅިގެން ދިން ރައްދެކެވެ. އަދި އެމެރިކާގެ ބާރުގެ ދަށަށް އެ ސަރަޙައްދު ގެނައުމަށް ހުރަސްއަޅައި، އެ އަށް ޤައުމުން ކުޅެމުންދަނީ ވަރަށް ނުރައްކާތެރި “ކުޅިވަރެއް” ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ގްރީންލޭންޑް ގަތުމަށް އެމެރިކާއިން މަސައްކަތް ކުރާތާ 150 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، އެމެރިކާއިން ތަރައްޤީ ކުރަމުންދާ “ގޯލްޑަން ޑޯމް” މިސައިލް ދިފާޢީ ނިޒާމަށްޓަކައި އެ ސަރަޙައްދު ހޯދުން މިހާރު ކޮންމެހެން ބޭނުންތެރި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި ނިޒާމުގެ ދަށުން ކެނެޑާއަށްވެސް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close