ޚަބަރު

ހެޔޮލަފާ، އަޚްލާޤީ ޖީލެއް ބިނާކުރުމުގައި ކުޅިވަރުގެ ދައުރު ބޮޑު: ވަޒީރު ރާފިޢު

ރާއްޖޭގައި ހެޔޮލަފާ އަދި އަޚްލާޤީ ގޮތުން ރަނގަޅު ޖީލެއް ތަރުބިއްޔަތު ކުރުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ކުޅިވަރަކީ ހަމައެކަނި މޮޅު ކުޅުންތެރިން އުފެއްދުމަށްވުރެ ބޮޑަށް، މުޖުތަމަޢަށް ބޭނުންތެރި ހަށިހެޔޮ އަދި އަޚްލާޤީ ސިފަތައް އަށަގަނެފައިވާ ބަޔަކު ބިނާކުރުމަށް އޮތް ބާރުގަދަ ވަސީލަތެއް ކަމަށެވެ.

ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުޅިވަރުގެ ތެރެއިން ކުދިބޮޑު އެންމެންނަށް ދަސްކޮށްދޭ އެންމެ މުހިންމު ފިލާވަޅަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި ގުޅިގެން މަސައްކަތް ކުރުމެވެ. އަދި ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި ކުޅިވަރުގެ ޒަރީޢާއިން ލިބޭ ތަރުބިއްޔަތު މުޅި ޤައުމުގެ ސިއްޙަތަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރުން ދަސްކޮށްދޭ އަޚްލާޤީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ރާފިޢު ވިދާޅުވީ، ޓީމެއްގެ ގޮތުގައި އުޅުމާއި، ވަކިވަކި ކުޅުންތެރިންގެ ގޮތުގައި ހަރަކާތްތެރިވާއިރުވެސް ގަޑިއަށް ސަމާލުކަން ދިނުމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަކީ ކުޅިވަރުގެ މައިގަނޑު އެއް މަޤްޞަދު ކަމަށެވެ. މީގެ ސަބަބުން މުސްތަޤުބަލުގައި ފެނިގެންދާނީ ހަމައެކަނި ހަށިހެޔޮ ބައެއް ނޫން ކަމަށާއި، އެއީ މުޖުތަމަޢު ބަލައިގަންނަ ފަދަ ރިވެތި އާދަކާދަތަކެއްގެ މަތީގައި ތިބި ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއަދުގެ ކުޑަކުދިންނަކީ މުސްތަޤުބަލުގެ ޒުވާނުން ކަމަށްވާއިރު، އެކުދިން ކުޅިވަރަށް ހުންނަ ޝައުޤުވެރިކަން ބޭނުންކޮށްގެން ރަނގަޅު ސިފަތައް އަށަގެންނެވުމަކީ އެންމެ އެދެވޭ ގޮތް ކަމަށެވެ. މިފަދަ ތަރުބިއްޔަތެއްގެ ތެރެއިން މޮޅެތި ކުޅުންތެރިން އުފެދި، ކަސްރަތަށް ލޯބިކުރާ ހަރަކާތްތެރި ޖީލެއް ބިނާވެގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ދުޅަހެޔޮ އާބާދީއެއް އޮތް ޤައުމަކަށް ހެދުންކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އެ އަމާޒަށް ވާޞިލްވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޓްނަސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށް، ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ކުޅިވަރުގެ ތެރެއިން ހަށިހެޔޮކަން އިތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވުޒާރާގެ ބޮޑު އިސްކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close