އެމްޑީޕީގެ މޭޔަރު ޓިކެޓް ބޮޑު ތަފާތަކުން އާދަމް ޢާޒިމް ކާމިޔާބު ކުރައްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މިހާރުގެ ވެސް މޭޔަރު އާދަމް ޢާޒިމް ކާމިޔާބު ކުރައްވައިފިއެވެ.
މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމާ ވާދަކުރައްވައި، އާދަމް ޢާޒިމް މި ޓިކެޓް ކަށަވަރު ކުރެއްވީ ވޯޓު ގުނި ގިނަ ފޮށިތަކުން 60 އިންސައްތައަށް ވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެންނެވެ.
މިއަދު ބޭއްވި މި އިންތިޚާބުގައި މާލެ އާއި އަތޮޅުތެރޭގައި ޖުމްލަ 65 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލޭގެ ދާއިރާތަކުން އެކަނިވެސް ފަސް ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. މި ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 700 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވާ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.
އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް ޢާޒިމް މި ޓިކެޓް ކާމިޔާބު ކުރެއްވިއިރު، އޭނާ ވަނީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލައާއި ހުސްޖާގަތައް ތަރައްޤީކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މި ކާމިޔާބީއާއެކު އަންނަ އެޕްރީލް މަހު ބާއްވާ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާނީ ޢާޒިމެވެ.

