ޚަބަރު

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ލޮކް ސަބާއާ ދެމެދު ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ރައީސް ޝްރީ އޯމް ބިރްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލުމާތުދެއްވި ގޮތުގައި މިބައްދަލުކުރެއްވުމުގައި ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުން އިންޑިއާ ހޯދާފައިވާ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް ތައްޔާރަށް އޮތްކަމަށް އިންޑިއާގެ ޤާނޫނުހަދާ މަޖިލިހުގެ ރައީސް، އޯމް ބިރްލާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ލޮކް ސަބާގެ ފަރާތުން މަޖިލީހުގެ މުވައްޒަފުންނަށް ފޯރުކޮށްދޭ ތަމްރީންތަކަށް ޝުކުރު އަދާކުރައްވާފައިކަމަށާއި، އަދި ދެ ޤައުމުގެ މަޖިލިސްތަކުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް މަޖިލިހުގެ އިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ވަނީ އިންޑިއާގެ ޕާލިމެންޓް ޑިޖިޓަލައިޒްކުރުމުގައި ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި، އެފަދަ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިކަމަށް މަޖިލިހުގެ އިދާރާއިން މައުލޫމާތު ދެއްވިއެވެ. އަދި ލޮކް ސަބާގެ ތަމްރީންދޭ އިންސްޓިޓިއުޓް ‘ޕްރައިޑް’ މެދުވެރިކޮށް ދިވެހި މުވައްޒަފުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ތައްޔާރަށް އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިކަމަށް ވެސް މަޖިލިހުގެ އިދާރާއިން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close