ޚަބަރު

ރައީސް ސޯލިޙްވެސް މިވަގުތު ހުންނެވީ ހޯމް ކަރަންޓީންގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް ކަރަންޓީނުގައި ހުންނެވި ނަމަވެސް ކަރަންޓީންގެ މުއްދަތު ފުރިހަމަ ނުކުރައްވައި އައްޑޫއަށް ދަތުރު ކުރައްވަން އުޅުއްވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދެއެވެ.

ރައީސް އޮފީހުން ހާމަ ކުރެއްވިގޮތުގައި ރައީސް ސޯލިހު ކަރަންޓީނުގައި ހުންނަވަން ނިންމެވީ މިދިޔަ ހަފްތާގެ ތެރޭގައި ގަތަރާއި ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅާގުޅިގެންނެވެ.  

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް މިވަގުތު ހުންނެވީ މުލިއާގޭގައި ކަރަންޓީންގައި ކަމަށެވެ. އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ. އެނގިފައިވާ ގޮތުގައި ރައީސްގެ ހާލުކޮޅު ރަނގަޅެވެ.

ރައީސް ސޯލިހް އައްޑު އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށް ބެލެވެއެވެ. އެމަނިކުފާނު އައްޑު އަށް ވަޑައިގަންނަވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި ފުލުހުންގެ ޓްރޭނިން އެކަޑެމީ ހުޅުއްވައި ދެއްވުމަށެވެ.

ރައީސް ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމަނިކުފާނު ދެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ރައީސް އޮފީހުން ކުރިން ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީ ގުޅުން އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާ، ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close