މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ ފަހެއްގައި ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބުރުވަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވައިފިއެވެ. މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި، މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި މަޖިލިސް ކުރާ ގޭގައެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަންވާނެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވަވާ މި ބަޔާނުގައި ޤައުމުގެ މިހާރުގެ ޙާލަތާއި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
ނިމިދިޔަ ދައުރުގައި މަޖިލީހުން ވަނީ 28 ޖަލްސާއެއް ބާއްވައި، 15 ބިލެއް ފާސްކޮށްފައެވެ. ފާސްކުރި މުހިންމު ބިލުތަކުގެ ތެރޭގައި ޤާނޫނުއަސާސީއަށް ގެނައި އިސްލާހާއި، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ އިތުރުން ޒަކާތުގެ ބިލު ހިމެނެއެވެ. މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީތަކުގައި މެންބަރުން ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރައްވާފައިވާކަން މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
