އިސްލާމްދީނާއި ޚިލާފް ވާހަކަތައް ދެއްކުމުގެ ފުރުޞަތު ހުޅުވޭ ބިލާއި ދެކޮޅަށް ތިނަދޫ ކައުންސިލުން ބަޔާނެއް ނެރެފި
އިސްލާމްދީނާ ޚިލާފް ވާހަކަތައް ދެއްކުމަށް ފުރުޞަތު ހުޅުވިގެންދާނެ ފަދަ ގޮތަކަށް ޑްރާފްޓް ކުރެވިގެން ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙާއި ދެކޮޅަށް ފެލިދެއަތޮޅު ތިނަދޫ ކައުންސިލުންވެސް ބަޔާނެއް ނެރެފިއެވެ.
އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 25 މެއި 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙު ފާސްކޮށް ތަސްދީޤް ކޮއްފިނަމަ، މި ކުޑަކުޑަ ދިވެހިރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމަށް ނުހަނު ބޮޑުދޮރެއް ޤާނޫނީ ގޮތުން ހުޅުވިގެންހިނގައިދާނެ ކަމަށްޓަކާ އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމަށެވެ.
އަދި ނަފްރަތުގެ ޢަމަލު ހިންގުން ހުއްޓުވުމުގެ ނަމުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލްގެ ސަބަބުން އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި ދެކޮޅަށް އަޑުއުފުލުން ޤާނޫނީގޮތުން މަނާވެ، އިސްލާމްދީނާއި ދެކޮޅަށް ބަސްބުނެހެދުމުގެ މިނިވަންކަން ޤާނޫނު މެދުވެރިކޮށް ހޯދައިދެވި ކުށްވެރިވާން ނުޖެހޭ އެތަންބަޔަކު ކުއްވެރިވާނެކަމީވެސް އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށެވެ.
ބަޔާން ނިންމާލައިފައިވަނީ ސީދާގޮތުންނާއި ނުސީދާގޮތުން އިސްލާމްދީނާއި ޚިލާފްވާހަކަތައް ދެއްކުމުގެ ފުރުޞަތު ފަހިވެގެންދާނެ ފަދަ ޤާނޫނެއް ދިވެހި ރައްޔިތުންގެ މައްޗަށް ހިންގުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް ގޮވާލަމުންނެވެ.
