ގއ. އަތޮޅާއި މާލޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑްރިން ހުއްޓުވުމަށް ފުލުހުން ފަށާފައިވާ ‘އޮޕަރޭޝަން އަލިމަގު’ގެ ދަށުން، ގއ. އަތޮޅާއި މާލޭ ސަރަހައްދުގައި މިއަދު ޚާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ނެޓްވޯކްތައް ނައްތާލުމަށް ފުލުހުން ހިންގާ ސިލްސިލާ މަސައްކަތެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިއަދު ގއ. އަތޮޅުގައި ކުރިއަށްގެންދާ ހަރަކާތަކީ، އެ އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚިލާފަށް ފައިސާ ދައުރުކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ. މި މަސައްކަތުގެ ތެރެއިން ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ސައުތު ޕޮލިސްގެ ޓީމުތަކާއި، އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގާ މި އޮޕަރޭޝަނަކީ، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ފުލުހުން ބުނީ މިފަދަ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ދޫނުދޭނެ ކަމަށެވެ.

