ނިމުނު ޑިސެމްބަރު މަހު މީރާއަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

ނިމިދިޔަ ޑިސެމްބަރު މަހު ދައުލަތުގެ ޓެކްސް އިދާރާ (މީރާ) މެދުވެރިކޮށް ދައުލަތަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30.7 އިންސައްތަ އިތުރު އަދަދެއްގެ އިތުރުން، އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ 17.4 އިންސައްތަ އިތުރު އަދަދެކެވެ. މި އާމްދަނީގެ ތެރޭގައި 157.83 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.
ތަފާސް ހިސާބުން ދައްކާގޮތުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާގެ ޓެކުހާއި، ބިމުގެ ކުލީގެ އިތުރުން ލޭންޑް އެކިއުޒިޝަން ކޮސްޓާއި ސީއެސްއާރު ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. މީގެ އިތުރުން މީގެ ކުރިން ނުދައްކާ ހުރި ބައެއް ޓެކްސްތައް މި މުއްދަތުގެ ތެރޭގައި ދައްކާފައިވުމަކީވެސް އާމްދަނީ އިތުރުވި ސަބަބެއްކަމަށް މީރާއިން ބުންޏެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އެއީ 1.7 ބިލިއަން ރުފިޔާއާއެކު ޖުމްލަ އާމްދަނީގެ 53.2 އިންސައްތައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޓެކްސްގެ ނިޒާމު ހަރުދަނާކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދަނީ އިސްކަންދެމުންނެވެ. މިގޮތުން ލިބުނު އާމްދަނީ އިތުރުވުމަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވަމުންދާކަމުގެ ނިޝާނެއް ކަމަށް ސަރުކާރުން ދެކެއެވެ. ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުންކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


