ކައުންސިލް އިންތިޚާބު 2026: ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ނިންމައިފި

މި އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މީގެ ތެރޭގައި އަތޮޅުތަކުގައި ބަހައްޓާ 321 ފޮއްޓާއި، މާލެ ސަރަހައްދުގައި އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާ 240 ފޮށީގެ އިތުރުން ރިސޯޓުތަކާއި ޖަލުތަކާއި ސިނާއީ ރަށްރަށުގައި ބަހައްޓާ ފޮށިތައް ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގައި ރާއްޖެއިން ބޭރުގެ ދެ ގައުމު ކަމަށްވާ ސްރީ ލަންކާ އާއި މެލޭޝިއާގައިވެސް ވޯޓު ފޮށި ބަހައްޓާނެއެވެ. މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރާއިރު، ވޯޓުލުމުގެ ހައްގު 294,937 މީހުންނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ވޯޓު ފޮށިތަކާ ގުޅޭ ތަފްސީލީ މައުލޫމާތު، ފޮށީގެ ނަމާއި ކޯޑު އަދި ސަރަހައްދުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. މި އިންތިޚާބަކީ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމަށް ބާއްވާ މުހިއްމު ގައުމީ މަސައްކަތެކެވެ.

