އަހަރުގެ ފުރަތަމަ ހަ ދުވަހު 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

މިއަހަރުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި 43،481 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.6 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 37،928 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި ހަ ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 8،082 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އަދި މި މަހުގެ ދެވަނަ ދުވަހާއި ހަތަރުވަނަ ދުވަހުވެސް ހަތްހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 9،137 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް އިޓަލީން 7،047 ފަތުރުވެރިން އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 2،859 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

