ޢުމުރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ހާލުދެރަވެގެން މާލެ ގެންނަނީ

ސްކޫލު ބޮޑު ޗުއްޓީގައި އުމްރާގެ އަޅުކަން އަދާކުރަން މައްކާގެ މަތިވެރި ބިމަށް ދަތުރުކުރި ދިވެހީންގެ ތެރެއިން ބަލިވެ އެނދުމަތިކުރެވިފައިވާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
މި މަސައްކަތް ކުރިއަށް ދަނީ އާއިލާއާއި ގައުމީ އެއާލައިން މޯލްޑިވިއަން އަދި ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗުގެ އެއްބާރުލުމާއެކު ކަމަށާއި، ބަލިމީހާ މި މަހުގެ 10 ގައި މާލެ ގެނެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ، ސައޫދީ އަރަބިއްޔާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެނދުމަތިކުރެވިފައިވާ މި ބަލިމީހާގެ ހާލަތު ރަނގަޅުވެ، ރާއްޖެ ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.
މި ކަމުގައި ގައުމީ އެއާލައިން މޯލްޑިވިއަނާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެއްބާރުލުން ފުރިހަމައަށް ލިބެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ދިވެހީންގެ ހާލު ޖުމުލަކޮށް ރަނގަޅު ކަމަށާއި، މިހާތަނަށް ސީރިއަސް މައްސަލައެއް ދިމާވެފައި ނުވާކަމަށް ޝަހީމް ވިދާޅުވިއެވެ.
މި ސްކޫލު ބޮޑު ޗުއްޓީއާ ދިމާކޮށް 7،726 ދިވެހީން އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް މައްކާއަށް ދަތުރުކޮށްފައިވެއެވެ. މި އަދަދުގައި ހިމެނެނީ އުމްރާ ދަތުރުތައް އިންތިޒާމުކުރާ ގްރޫޕްތަކާއި އަމިއްލަ ގޮތުން ދަތުރުކުރި ފަރާތްތައް ވެސް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަހަރުގެ އެކި ދުވަސްވަރު އުމްރާއަށް ދިއުމަކީ މިހާރު ދިވެހީންގެ މެދުގައި ވަރަށް އާންމު ކަމެކެވެ. ކުރިން ހަމައެކަނި ޖަމާޢަތްތަކުގެ އެހީތެރިކަމުގައި އުމްރާއަށް ދެވެން އޮތް ނަމަވެސް، މިހާރު އަމިއްލަ ގޮތުން ވެސް މި މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ގިނަ އާއިލާތަކުން ވެސް މި ޗުއްޓީތަކުގައި އުމްރާއަށް ދަތުރުކުރުމަށް އިސްކަންދެއެވެ.

