ޚަބަރު

އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ދެމިހުރެވޭ ބިލު މަޖިލީހުން ފާސްކޮށްފި

ދައުލަތުގެ ވަޒީފާގައި އުމުރުން 75 އަހަރުވަންދެން ދެމިހުރެވޭ ގޮތަށް ސަރުކާރުން ހުށަހެޅި “ރީ-އެމްޕްލޯއިމަންޓް ބިލު” ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލު ފާސްވީ ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 46 މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅު އެމްޑީޕީގެ 5 މެންބަރަކު މި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވިއެވެ.

މި ބިލުގައިވާ ގޮތުން، އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބެން ބޭނުންވާ ފަރާތްތަކަށް އަހަރުން އަހަރަށް އާކުރާ އެއްބަސްވުމެއްގެ ދަށުން ވަޒީފާގައި ކުރިއަށް ދެވޭނެއެވެ. މީގެ އިތުރުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަތް އަހަރު ކުރިން ރިޓަޔާކޮށްފައިވާ ފަރާތްތަކަށް ވެސް އަލުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. މިފަދަ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

އުމުރުން 65 އަހަރުވުމަށްފަހު ވަޒީފާގައި ތިބޭ ފަރާތްތަކަށް އަސާސީ ޕެންޝަން ނުލިބުނު ކަމުގައިވިޔަސް، ޕެންޝަން ގާނޫނުގެ ދަށުން ލިބޭ އެހެނިހެން ފައިސާ ލިބޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންގެ އިތުރުން ގާނޫނުއަސާސީން ވަކި މުއްދަތެއް ކަނޑައަޅާފައިވާ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ރީ-އެމްޕްލޯއިމަންޓުގެ ފުރުސަތެއް ނޯންނާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close