ޚަބަރު

އަތޮޅުތެރޭގައި އިސްރަށްވެހިންނަށް ޚާއްޞަ ޖާގަތައް: 77 ކައުންސިލަކުން ޝައުޤުވެރިކަން ފާޅުކޮށްފި

އަތޮޅުތެރޭގައި އިސްރަށްވެހިންނަށް ޚާއްޞަ ޖާގަތަކާއި ނާދީތައް ޤާއިމުކުރުމަށް 77 ރަށު ކައުންސިލަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އައިޝަތު ޝިހާމް ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ނާދީތައް ކާމިޔާބުކަމާއެކު ހިންގަމުންދާތީ، އަތޮޅުތެރޭގައި ވެސް މިފަދަ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އާބާދީގެ ބަދަލުތަކަށް ބަލާއިރު 2030 ވަނަ އަހަރާ ހަމައަށް އަންނައިރު އިސްރަށްވެހިންގެ އާބާދީ ދެގުނަވާނެއެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުންނާއި، އިސްރަށްވެހިންނަށް ހިތްފަސޭހަ މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން، ޝައުޤުވެރިކަން ފާޅުކޮށްފައިވާ ރަށްތަކުގައި އަންނަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ނާދީތައް އުފެއްދުމަށް ތަމްރީނުތައް ވެސް ދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމުގެ ދަލީލެއްގެ ގޮތުން، މިހާރު ވެސް ކުޑަކުދިންނާއި ބޮޑެތި މީހުންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް 1412، 1421 ފަދަ ހޮޓްލައިންތަކާއި، އާންމު ހިދުމަތްތަކަށް 1433 ހޮޓްލައިން ޤާއިމުކޮށްފައިވެއެވެ. މި ނަންބަރުތަކަށް މިދިޔަ ޖަނަވަރީން އޮކްޓޫބަރަށް 17،000 އަށް ވުރެ ގިނަ ފޯންކޯލް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close