ޚަބަރު

މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވެއްޖެ، މަނީ ލޯންޑްރިން ވެސް ހިމެނޭ

ކޭ ޕާކް ފްލެޓް ވިއްކަން ނެރުނު ނަމުގައި އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ އަތުލައި މަކަރާއި ހީލަތް ހެދި މައްސަލާގައި، ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ޖުމުލަ 94 ދައުވާއެއް މިއަދު ކްރިމިނަލް ކޯޓުން ސާބިތުކޮށްފި އެވެ. މި ދައުވާތަކުގެ ތެރޭގައި އޮޅުވާލުމާއި ޓެކުމުގެ ދައުވާތަކުގެ އިތުރުން މަނީ ލޯންޑްރިންގެ ސީރިއަސް ދައުވާއެއް ވެސް ހިމެނެއެވެ.

ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ހުރި މަންޑޭގެ މައްޗަށް ދައުލަތުން 104 ދައުވާއެއް ކުރި އެވެ. އޭގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއާއި، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ ހިމެނެއެވެ. މިއަދު ކޯޓުން ސާބިތުކުރި 94 ދައުވާގެ ތެރޭގައި އޮޅުވާލުމުގެ 44 ދައުވާއާއި، ޓެކުމުގެ 46 ދައުވާއާއި، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއާއި، މަނީ ލޯންޑްރިންގެ ދައުވާ ހިމެނެއެވެ.

މައްސަލަ ބައްލަވައި ހުކުމް އިއްވަވަމުން ގާޒީ އަލީ ނަދީމް ފާހަގަކުރެއްވި ގޮތުގައި، މަންޑޭ އެއް އެޕާޓްމެންޓެއް އެކި މީހުންނަށް ވިއްކައި އެ ފަރާތްތަކުގެ އަތުން ފައިސާ އަތުލާފައިވެ އެވެ. ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މަންޑޭ ކަމަށާއި، މިކަން އޭނާ ކޮށްފައިވަނީ އެނގިތިބެ ގަސްދުގައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ފައިސާ ނެގުމަށްފަހު އެ ފައިސާ އަމިއްލަ ކަންކަމަށް މަންޑޭ ބޭނުންކޮށްފައިވާކަން ކޯޓަށް ސާބިތުވިއެވެ.

ގާޒީ އިތުރަށް ވިދާޅުވީ، ކުށްކޮށްގެން ހޯދި ފައިސާތައް މަންޑޭ އަމިއްލަ ބޭނުމަށް ބޭނުންކޮށް، އެ ފައިސާއިން ހުޅުމާލެއިން ފްލެޓްތަކެއް ވެސް ގަނެފައިވާ ކަމަށެވެ. އެހެންކަމުން، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވުމާއެކު، އެ ފައިސާ ބޭނުންކޮށްގެން ގަނެފައިވާ އެ އެޕާޓްމެންޓް ދައުލަތަށް ނެގުމަށް ގާޒީ ނަދީމް ވަނީ އަމުރުކުރައްވާފަ އެވެ. ބާކީ ހުރި ދައުވާތަކާ މެދު ނިންމުން ފަހުން އަންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މި މައްސަލާގައި ދައުވާލިބުނު އަނެއް ފަރާތް ކަމަށްވާ ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް ޖުމުލަ 95 ދައުވާއެއް ދައުލަތުން ކުރި އެވެ. އޭނާގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ 40 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާ އެވެ. އަދި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ދައުވާ ވެސް ޖައިޝާންގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ގާޒީ ވިދާޅުވި ގޮތުގައި، ފްލެޓް ވިއްކުމުގެ އެއްބަސްވުންތަކުގައި ހެކިވެރިއެއްގެ ގޮތުގައި ޖައިޝާން ސޮއިކުރީ އެނގިތިބެ، ގަސްދުގައި ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close