ޚަބަރު

ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރެކްޓަރ މިންގަނޑުން 7.0 ގެ ބާރުމިނުގައި އައި ނުރައްކާތެރި ބިންހެލުމެއްގައި ތުރުކީވިލާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އޭގަން ކަނޑަށް އައި މިބިންހެލުމުގައި ތުރުކީވިލާތުގެ ގިނަ އިމާރާތްތައް ވެއްޓި ގިނަ ޢަދަދެއްގެ މީހުންވަނީ އިމާރާތްތަކުގެ ދަށުވެފައެވެ.

ބިންހެލުން އައިސްފައިވަނީ ތުރުކީވިލާތުގެ އައްސޭރިން 17 ކިލޯމީޓަރު ދުރުން އަދި ކަނޑުގެ 16 ކިލޯމީޓަރު އަޑިންނެވެ. ތުރުކީވިލާތުގެ ޞިއްޙަތާއި ބެހޭ ވަޒީރު ފަހުރުދީން ކޯކާ ވިދާޅުވީ އެ ޤައުމުގެ އިޒްމީރު ޕްރުވިންސުން 4 މީހުން މަރުވެ 120 މީހުން ޒަޚަމްވެފައިވާކަމަށެވެ.

އެ ޤައުމުގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ވިދާޅުވީ އިޒްމީރުގެ ދެ ޑިސްޓުރިކްޓެއްގެ ހަ އިމާރާތް ވެއްޓިފައިވާކަމަށެވެ. އިޒްމީރުގެ މޭޔަރު ތަންކު ސޯޔާ ވިދާޅުވީ އިޒްމީރު ޕުރޮވިންސުން މުޅިއަކު ވިއްސަށްވުރެ ގިނަ އިމާރާތް ވެއްޓިފައިވާކަމަށެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ގިނަ ވަފުދުތަކުން މިހާރުދަނީ ޙަރަކާތްތެރިވަމުންނެވެ.

ބިންހެލުމުގެ އަސަރު އިސްތަންބޫލަށާއި ގްރީސްގެ ވެރިރަށް އެތެންސަށް ވެސް ވަނީ ކޮށްފައެވެ. ގުރީސްގެ ބައެއް އިމާރާތްތައް ވެއްޓިފައިވާކަމަށްވެސް ބައެއް މަސްދަރުތަކުން މަޢުލޫމާތު ދެއެވެ. ސުނާމީގެ އިންޒާރާއެކު އެ ޤައުމުގެ ސާމޯސް ކިޔާ ރަށެއްގައި ދިރިއުޅޭ 45،000 މީހުންނަށް ރަށުގެ އައްސޭރިފަށަށް ނުދިޔުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އަންގައިފައެވެ.

ޖޯގުރަފީގެ ގޮތުން ތުރުކީވިލާތް އޮންނަ ސަރަޙައްދުގެ ގޮތުން ބިންހެލުން އައުމުގެ ފުރުޞަތު އެންމެ ބޮޑު ޤައުމަކީ ތުރުކީވިލާތެވެ. 1999ވަނަ އަހަރު އެ ޤައުމުގެ އިޒްމިތު ސިޓީއަށް އައި 7.6 ހެކްޓަރު މިންގަނޑުގެ ބިންހެލުމެއްގައި 17،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެއަށްފަހު އެ ޤައުމުގެ ވާން ސިޓީއަށް 2011ވަނަ އަހަރުގައި އައި ބިންހެލުމެއްގައި 500އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close