މ. މުލަކު ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މ. މުލަކު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި މި މަޝްރޫއު ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މ. މުލަކު ބަނދަރު ތަރައްގީކުރުމުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިންނެވެ. މަޝްރޫއުގެ ދަށުން 70,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 284 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 253 މީޓަރުގެ ސޭންޑްފިލް ބޭރުތޮށި (އައުޓާ ރިވެޓްމެންޓް) ޖެހުން ހިމެނެއެވެ. މީގެ އިތުރުން 25 މީޓަރުގެ ނެރު ބޭރު ތޮއްޓެއް ލުމާއި، 53 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމާއި، 3,062 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރެވޭނެއެވެ.
އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 62.6 މިލިއަން ރުފިޔާއަށެވެ. މި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ މުލަކު ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަ ތަކެއް ގެނެސްދީ، ރަށުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

