މީޑިއާ ރެގިއުލޭޝަންގެ ބިލު މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު، މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ. ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާއެއްގައި 60 މެންބަރުންގެ ވޯޓުން މި ބިލު ފާސްކުރިއިރު، ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. ބިލުގެ މަޤްސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ދޮގު ޚަބަރު ފެތުރުން ހުއްޓުވުން އަދި ޤާނޫނުއަސާސީން ލިބިދޭ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުންކަމަށް ބިލުގައި ބުނެފައި ވެއެވެ. ބިލުގައި މީޑިއާ މާނަކޮށްފައިވަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް އެކަނި ކަމުން، އެހެން އެއްވެސް ފަރާތެއް ރެގިއުލޭޓް ނުކުރާނެކަމަށް ބިލާއި މެދު ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވިއެވެ.
މި ބިލަށް ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުންނާއި ރައީސް ކަނޑައެޅުމާއި ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ނުހިމެނުން ހިމެނެއެވެ. މީގެއިތުރުން، ކޮމިޝަނުގެ މެންބަރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގައި އެފަރާތުގެ މިނިވަންކަމަށް އިޙްތިރާމްކުރުންވެސް ވަނީ އިސްލާހުކުރެވިފައެވެ.
ބިލުގެ 67 ވަނަ މާއްދާ، ނޫސްވެރިންނަށާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ފިޔަވަޅު އެޅޭގޮތަށް އޮތުމުން، ކޮމިޓީ މަރުހަލާގައި ވަނީ އުނިކުރެވިފައެވެ. އަދި މައްސަލައެއް ނިމެންދެން ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ 66 ވަނަ މާއްދާގެ (ޅ) ވެސް ވަނީ އުނިކުރެވިފައެވެ. ކައުންސެލް ޖެނެރަލްގެ ވިދާޅުވެފައި ވަނީ ބިލުގައި ޤާނޫނުއަސާސީއާ ނުވަތަ އެއްވެސް ޤާނޫނަކާ ތަޢާރުޒުވާ ކަމެއް ނެތްކަމެވެ



