ޚަބަރު

ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މަޢުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރ ގޮވާލައްވައިފި

އިއްޔެ ސްރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި ދިން ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މަޢުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓުވީޓެއްގައި ވިދާޅުވީ ސްރީ ލަންކާގައި ދިން ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ހަޤީޤަތާއި ޚިލާފު މަޢުލޫމާތު ފެތުރުމާއި އެފަދަ މަޢުލޫމާތު ފެތުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ލަންކާގައި ދިން ޙަމަލާތަކާ ގުޅިގެން ހަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ހޯމް މިނިސްޓަރ ގޮވާލެއްވިއިރު ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެންސީޓީސީންވެސް ވަނީ އެކަމަށް އިލްތިމާސްކޮށްފައެވެ.

އެންސީޓީސީން ވިދާޅުވީ ދިވެހިންގެ ބައިވެރިވުމެއް މިޙަމަލާގައި އޮތްކަމަށް ބުނެ ބައެއް ފަރާތްތަކުން ހަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށެވެ. ނަމަވެސް ރާއްޖެއާއެކު މަސައްކަތްކުރާ ބޭރުގެ ތަޙުޤީޤީ އިދާރާތަކުން މިހާތަނަށް ކުރި އެއްވެސް ތަޙުޤީޤަކުން އެއްވެސް ދިވެއްސެއް މި ހަމަލާތައް ދިނުމުގައި ބައިވެރިވިކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށް އެންސީޓީސީން ބުނެއެވެ.

ލަންކާގައި ދިން ޙަމަލާތަކާ ގުޅިގެން އެޤައުމުގެ ކެބިނެޓްގެ ތަރުޖަމާނު ރަޖިތާ ސްރިރަތްނަ ވިދާޅުވީ، މިޙަމަލާއަކީ ބައިނަލްއަޤްވާމީ ނެޓްވޯކެއްގެ އެހީތެރިކަމާއެކު ދިން ޙަމަލާއެއްކަމަށް ތުހުމަތުކުރެވޭކަމަށެެވެ. އެގޮތުން މިކަން އިންޓެލިޖަންސް ރިޕޯޓުތަކުން ހާމަވާއިރު، ހަމަލާގެ ފަހަތުގައިވާ ފަރާތްތައް ދެނެގަތުމަށް ލަންކާގެ ރައީސް ވަނީ ބައިނަލްއަޤްވާމީ ތަޙުޤީޤީ އިދާރާތަކުގެ އެހީއަށް އެދިވަޑައިގެންފައެެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close