ޚަބަރު

ޚާމަނާއީ އަވަހާރަކޮށްލަން ބޭނުންވި ކަމަށް އިސްރާއީލުން ބުނެފި

އީރާނާ އިސްރާއީލާ ދެޤައުމު ދެމެދު މިދިޔަ 12 ދުވަހު ހިނގި ހަނގުރާމައިގައި، އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލަން ބޭނުންވި ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއެލް ކާޓްޒް ބުނެފިއެވެ.

ކާޓްޒް ބުރާސްފަތި ދުވަހު ބުނީ، އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލުމަށް އެމެރިކާގެ ހުއްދަ އިސްރާއީލަށް ބޭނުންނުވާނެ ކަމަށެވެ. މީގެ ކުރިން މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ، އެމެރިކާއިން މިކަމަށް ހުއްދަ ނުދޭ ކަމަށެވެ.

ކާޓްޒް، އިސްރާއީލުގެ ޗެނަލް 13 އަށް ދިން އިންޓަވިއުއެއްގައި ބުނީ، “ޚާމަނާއީ އަވަހާރަކޮށްލަން ބޭނުންވި، ނަމަވެސް އޮޕަރޭޝަނަލް ފުރުސަތެއް ނުލިބުނު” ކަމަށެވެ.

އެ މަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ ކުރަން އުޅޭކަން އެނގިވަޑައިގެންފައިވާ ކަމަށް ކާޓްޒް ވަނީ ބުނެފައެވެ. އަދި އެ މަނިކުފާނު ވަނީ ބިންގަރާހުގެ ވަރަށް ފުން ތަންތަނަށް ވަޑައިގެން، އިސްރާއީލުގެ ފުރަތަމަ ހަމަލާތަކުގައި ޝަހީދުކުރެވުނު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ލީޑަރުންގެ ބަދަލުގައި އައި ކޮމާންޑަރުންނާ ގުޅުން ކަނޑާލާފައިވާ ކަމަށް ވެސް ކާޓްޒް ބުންޏެވެ.

ނަމަވެސް، ހަނގުރާމައިގެ ތެރޭގައި އާޔަތުﷲ ޚާމަނާއީ ވަނީ ވީޑިއޯ މެސެޖުތައް ފޮނުއްވާފައެވެ. އަދި އެ މަނިކުފާނުގެ ޖެނެރަލުންނާ ގުޅުން ކެނޑިފައިވާ ކަމަށް ދައްކުވައިދޭ އެއްވެސް ހެއްކެއް ނެތެވެ.

އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލުމަކީ ހަނގުރާމަ އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ. އީރާނުގެ ވެރިކަމުގެ އެންމެ އިސްވެރިޔާގެ އިތުރުން، އެ މަނިކުފާނަކީ ދުނިޔޭގެ އެތައް މިލިއަން ޝީޢީ މުސްލިމުންގެ މަތިވެރި ރޫޙާނީ ލީޑަރެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެކި ފަހަރު މަތިން ހަނގުރާމައިގެ ސަބަބުން އީރާނުގެ ވެރިކަމަށް ބަދަލު އަތުވެދާނެ ކަމަށް ބުނެފައެވެ.

ކާޓްޒްގެ މި ވާހަކަތައް އައިސްފައިވަނީ، އީރާނުގެ ނިއުކްލިއާ ގާބިލިއްޔަތަށް ލިބުނު ގެއްލުމާ ބެހޭ ގޮތުން ތަފާތު ރިޕޯޓުތައް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މައިގަނޑު ގޮތެއްގައި އެމެރިކާއިން ފޯޑޯ، ނަތަންޒް އަދި އިސްފަހާންގައި ހުރި ތަންތަނަށް ބޮން އެޅުމުންނެވެ.

އާޔަތުﷲ ޚާމަނާއީ ބުރާސްފަތި ދުވަހު ވިދާޅުވީ، އެމެރިކާއިން ދިން ހަމަލާތަކުގެ އަސަރު “ދުނިޔެއަށް ބޮޑުކޮށް ދައްކާފައިވާ” ކަމަށެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު ބުނީ، އީރާނުން އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމްގައި “ކުރިއެރުން” ހޯދަމުންދާ ކަމަށް ފެނިއްޖެނަމަ، އަލުން ހަމަލާ ދިނުމަށް ޓްރަމްޕްގެ “ގްރީން ލައިޓް” އިސްރާއީލަށް ލިބިފައިވާ ކަމަށެވެ.

“ހަމަލާގެ ފަހުން އީރާނުން ނިއުކްލިއާ ފެސިލިޓީސް އަލުން ބިނާކުރާނެ ކަމަކަށް އަޅުގަނޑު ނުދެކެން،” އޭނާ ބުންޏެވެ.

ނަތަންޔާހޫ ބުރާސްފަތި ދުވަހު ބުނީ، ހަނގުރާމައިގެ ނަތީޖާއަކީ ޢަރަބި ޤައުމުތަކާ އެކު އިތުރު ރަސްމީ ސުލްޙައިގެ އެއްބަސްވުންތަކަށް “ފުރުސަތެއް” ކަމަށެވެ.

މި ހަނގުރާމަ ނިމިފައިވަނީ، އެމެރިކާއިން މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަކުންނެވެ. އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދު ދީފައިވަނީ، އެމެރިކާގެ ސިފައިން ތިބޭ ޤަޠަރުގެ އަލް އުދައިދު އެއަރ ބޭސްއަށް މިސައިލް ހަމަލާއެއް ދީގެންނެވެ.

“އަޅުގަނޑުމެން އީރާނާ ދެކޮޅަށް ހިތްވަރާއެކު ހަނގުރާމަ ކުރިން އަދި ބޮޑު ކާމިޔާބެއް ހޯދިން. މި ކާމިޔާބީގެ ސަބަބުން ސުލްޙައިގެ އެއްބަސްވުންތައް ބޮޑުކުރުމަށް މަގުފަހިވޭ،” ނަތަންޔާހޫ ވީޑިއޯ މެސެޖެއްގައި ބުންޏެވެ. މިއީ 2020 ވަނަ އަހަރު އިސްރާއީލާއި ބައެއް ޢަރަބި ޤައުމުތަކާ ދެމެދު ރަސްމީ ގުޅުން ގާއިމުކުރި އަބްރަހަމް އެކޯޑްސްއަށް އިޝާރާތްކޮށް އޭނާ ދެއްކި ވާހަކައެކެވެ.

އީރާނުން ވެސް ވަނީ ހަނގުރާމައިގެ ފަހުން ކާމިޔާބު އިޢުލާންކޮށްފައެވެ. އީރާނުން ބުނީ، އިސްރާއީލުގެ މަޤްސަދުތައް – އެއީ ތެހެރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތައް ނިންމާލުން – ހުއްޓުވައި، އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދިން މިސައިލް ހަމަލާތަކުން ނަތަންޔާހޫއަށް ހަމަލާ ހުއްޓާލަން މަޖުބޫރުކުރެވުނު ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close