އީރާނުން އާ ޖީލްގެ މިސައިލްތަކަކުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން ހިންގަމުން އަންނަ “އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3” ގެ އާ ފިޔަވައްސެއްގެ ދަށުން، އާ ޖީލެއްގެ މިސައިލްތަކަކުން އިސްރާއީލުގެ އާބާދުވެފައިވާ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މި އޮޕަރޭޝަންގެ 21 ވަނަ ބުރު އީރާނުން ފަށާފައިވަނީ ހޯމަ ދުވަހުގެ މެންދުރު 12:00 ހާއިރު ކަމަށާއި، މި ހަމަލާތަކުގައި އީރާނުގެ އެންމެ ފަހުގެ އާ މިސައިލްތައް ބޭނުންކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އޮޕަރޭޝަންއަކީ “ޖަރީމާ ހިންގާ ކޮމިއުނިސްޓް ވެރިކަމުން” ދެމުންގެންދާ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމުގައެވެ. މި ހަމަލާތަކުގައި ފަހުގެ އާޖީލްގެ މިސައިލްތަކުގެ އިތުރުން، ޒަމާނީ ޑްރޯންތައް ބޭނުންކޮށްގެން ކޮމްބިނޭޝަން ހަމަލާތަކެއް ދީފައިވާނެކަމަށްވެސް އެބަޔާނުގައިވެއެވެ.
އައިއާރުޖީސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ފުރަތަމަ ފަހަރަށް ގިނަ ވޯހެޑްތައް ހިމެނޭ “ޚައިބަރު (ޤަދްރު-އެޗް)” ބެލިސްޓިކް މިސައިލް ބޭނުންކޮށްފައިވެއެވެ. މި މިސައިލްތައް އަމާޒަށް ފޮނުވާލާފައިވަނީ އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމުތައް ފޫއަޅުވާލުމަށްޓަކައި، މީގެ ކުރިން ބޭނުންނުކުރާ އާދަޔާޚިލާފު އުކުޅުތަކެއް ބޭނުންކޮށްގެންނެވެ.
މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުން ދެކުނަށް، އަދި މެދުތެރޭގެ މުހިންމު ސްޓްރެޓެޖިކް އަމާޒުތަކަށް ކާމިޔާބުކަމާއެކު ގެއްލުންދެވިފައިވާ ކަމަށް އީރާނުން ބުނެއެވެ.
ހަމަލާދިން ތަންތަނުގެ ތެރޭގައި ސަފަދު، ލަކިޝް، އަޝްކެލޯން، އަޝްދޫދު، އަދި ބެއިތު ޝެއާން ހިމެނެއެވެ. “ޚައިބަރު ޝެކާން”، “އިމާދު”، “ޤަދްރު” އަދި “ފައްތާހް-1” ފަދަ މިސައިލްތައް މި އޮޕަރޭޝަންގައި ބޭނުންކޮށްފައިވެއެވެ. ޚާއްސަކޮށް، އަޝްދޫދުގައި ހުންނަ ކަރަންޓު އުފައްދާ ފެސިލިޓީއަށް ސީދާ ހަމަލާދީ، އިސްރާއީލުގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ދިން ހަމަލާތަކުގެ ގޮވުންތަކުގެ ބާރުގަދަކަމުން ގިނަ ސިޓީތަކެއްގެ މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހުން އަނެއްކާވެސް ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދަން މަޖުބޫރުވިއެވެ.
ފުރަތަމަ ފަހަރަށް އިސްރާއީލުގެ ހުރިހާ ސަރަހައްދެއްގައި 35 މިނެޓަށް ހުއްޓުމެއްނެތި ސައިރަންގެ އަޑު އިވިފައިވާ ކަމަށާއި، މިއީ އީރާނުން ފޮނުވާލި މިސައިލްތަކުގެ ގިނަކަން ހާމަކޮށްދޭ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމުތަކަށް އީރާނުގެ އާ މިސައިލްތައް ހުއްޓުވުމުގައި ނާކާމިޔާބުވެފައިވާ ކަމަށްވެސް އެ ލިޔުމުގައިވެއެވެ.
މި ހަމަލާތަކަކީ، ޖޫން 13 އިން ފެށިގެން އިސްރާއީލުން ހިންގި ހަމަލާތަކުގައި އީރާނުގެ އަސްކަރީ އިސްވެރިންނާއި، ނިއުކްލިއަރ ސައިންސްވެރިންނާއި، ޕްރޮފެސަރުންނާއި، ކުޅިވަރު ކުޅުންތެރިންނާއި، ދަރިވަރުން ހިމެނޭ ގޮތަށް 400 އަށްވުރެ ގިނަ މީހުން ޝަހީދުކުރުމުގެ ރައްދުގައި ދެމުންގެންދާ ހަމަލާތަކެކެވެ. މިހާތަނަށް “އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3” ގެ ދަށުން މިސައިލާއި ޑްރޯންގެ 21 ވަނަ ބުރުގެ ހަމަލާތައް ފޮނުވާލާފައިވެއެވެ.
އާދީއްތަ ދުވަހު ހިންގި މި އޮޕަރޭޝަންގެ 20 ވަނަ ބުރުގެ ހަމަލާތަކުގައި، ފުރަތަމަ ފަހަރަށް “ޚައިބަރު ޝެކާން” މިސައިލް ބޭނުންކޮށްފައިވެއެވެ. އެ ހަމަލާ ދީފައިވަނީ އެމެރިކާއިން އީރާނުގެ ފޯޑޯ، ނަތާންޒް، އަދި އިސްފަހާންގައި ހުންނަ ތިން ނިއުކްލިއަރ މަރުކަޒަށް ހަމަލާދިން ކަމަށް ބުނިތާ ގަޑިއިރުތަކެއް ފަހުންނެވެ.
އައިއާރުޖީސީން ބުނީ މި “އަސަރުކުރުވަނިވި އޮޕަރޭޝަން” ދުޝްމަނުންގެ ވައިގެ ދިފާޢީ ނިޒާމުގައި ހުރި ބަލިކަށިކަންތައްތައް ބޭނުންކޮށް، އާ ޚާއްސަ އުކުޅުތަކާއެކު ކުރިއަށްގެންދާނެ ކަމަށާއި، ޑްރޯން ހަމަލާތައް “އެއްވެސް ހިނދުކޮޅަކަށް ހުއްޓާނުލާނެ” ކަމަށެވެ. މީގެ ސަބަބުން އިސްރާއީލުގެ ރައްޔިތުންނަށް “އަބަދުމެ ސައިރަންގެ އަޑު އަހައި، ފިލައި ދުވެ، ހިޔާވަހިކަން ހޯދުމުގައި” އުޅެންޖެހޭނެ ކަމަށްވެސް އީރާނުން އިންޒާރުދެއެވެ.



