ބޭރުދުނިޔެ

ޓެރިފް ރޭޓުތަކަށް އަމަލުކުރުން ޗައިނާ އާއި އެމެރިކާއިން 90 ދުވަހަށް ފަސްކުރަނީ

ޗައިނާ އާއި އެމެރިކާއިން އަލަށް ކަނޑައެޅި ޓެރިފް ރޭޓުތަކަށް އަމަލުކުރުން 90 ދުވަހަށް ފަސްކުރަން އެ ދެގައުމުން ނިންމައިފިއެވެ.

ޖެނީވާ، ސުވިޓްޒަލޭންޑްގައި ބޭއްވުނު ވިޔަފާރީގެ މަޝްވަރާތަކަކަށްފަހު، އެމެރިކާ އާއި ޗައިނާއިން 90 ދުވަހުގެ މުއްދަތަކަށް ޓެރިފްތައް ދަށްކުރަން އެއްބަސްވެފައިވާއިރު، މި އެއްބަސްވުމާ ގުޅޭ ގޮތުން ދެ ގައުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ޓެރިފްތައް 115 އިންސައްތައިން ދަށްކުރެވޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، އެމެރިކާއިން ޗައިނާގެ މުދަލުގެ މައްޗަށް ކަނޑައަޅާފައިވާ ޓެރިފް 145 އިންސައްތައިން 30 އިންސައްތައަށް ވަގުތީ ގޮތުން ދަށްކުރާނެއެވެ. އަދި ޗައިނާއިން އެމެރިކާގެ މުދަލުގެ މައްޗަށް ކަނޑައަޅާފައިވާ ޓެރިފް 125 އިންސައްތައިން 10 އިންސައްތައަށް ދަށްކުރާނެއެވެ.

މީގެ އިތުރުން، ޗައިނާއިން ވަނީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެމެރިކާއާ ދެކޮޅަށް އަޅާފައިވާ ޓެރިފް ނޫން އެހެނިހެން ފިޔަވަޅުތައް ވެސް ހުއްޓާލަން ނުވަތަ އުވާލަން އެއްބަސްވެފައެވެ.
ދެ ގައުމުން މި ފިޔަވަޅުތައް އަޅަން އެއްބަސްވެފައިވަނީ ބުދަ ދުވަހުގެ ކުރިންނެވެ. އަދި ދެމެހެއްޓެނިވި، ދިގު މުއްދަތަކަށް، އަދި ދެ ފަރާތަށް ވެސް ފައިދާހުރި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުމެއް ޤާއިމްކުރުމުގެ މުހިންމުކަން ދެ ގައުމުން ވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަކި ނިޒާމެއް ޤާއިމްކުރުމަށް ވެސް ދެ ގައުމުން އެއްބަސްވެފައިވެއެވެ.

މި މަޝްވަރާތައް އިސްކޮށް ކުރިއަށް ގެންދާނީ ޗައިނާގެ ނައިބު ބޮޑުވަޒީރު ހީ ލައިފެންގް، އެމެރިކާގެ ޚަޒާނާގެ ވަޒީރު ސްކޮޓް ބެސެންޓް އަދި އެމެރިކާގެ ވިޔަފާރީގެ ތަމްސީލުކުރާ ޖެމިސަން ގްރީއަރ އެވެ.
މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ހަނގުރާމައަށް ވަގުތީ ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބެލެވެއެވެ.
އެމެރިކާ އާއި ޗައިނާގެ ދެމެދުގައި ވިޔަފާރީގެ ހަނގުރާމައެއް ފެށިފައިވަނީ 2018 ވަނަ އަހަރުން ފެށިގެން ކުރިއަށް ދިޔަނަމަވެސް މިހާބޮޑަށް މައްސަލަ ގޯސްވީ ޓްރަމްޕްގެ ދެވަނަ ދައުރުގައި ރައީސްކަމާ ހަވާލުވުމަށް ފހުގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ މުދަލުގެ މައްޗަށް ބޮޑެތި ޓެރިފްތަކެއް ކަނޑައަޅާފައެވެ. މިއާ ގުޅިގެން ޗައިނާއިން ވެސް ވަނީ އެމެރިކާގެ މުދަލުގެ މައްޗަށް ޓެރިފްތަކެއް ކަނޑައަޅާފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ.

މިއަދު އިއުލާންކުރެވުނު އެއްބަސްވުމަކީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އިގްތިސާދީ މާހިރުން ދެކެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close