ޚަބަރު

އެމެރިކާގައި “އެކްސް” ޖެންޑަރ ޕާސްޕޯޓު މަނާކޮށްފި

ވަކިޖިންސަކަށް ނިސްބަތް ނުވާ ނުވަތަ އެކްސް ޖެންޑާ ޕާސްޕޯޓް އެމެރިކާގައި މަނާކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި އެގްޒެކެޓިވް ގަރާރަކާ ގުޅިގެން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ “އެކްސް” ޖެންޑަރ މާކަރ އާއެކު ޕާސްޕޯޓު ހެދުން ވެސް ހުއްޓާލާފައެވެ. 

މި އަމުރުގައިވާ ގޮތުން އެމެރިކާއިން ބަލައިގަންނަނީ ފިރިހެން އަދި އަންހެން ދެޖިންސް އެކަންޏެވެ.

ދަ ގާޑިއަން ނޫހުން ބުނީ އެނޫހަށް ލިބިފައިވާ އިންޓަރނަލް އީމެއިލެއްގައިވާ ގޮތުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ޓްރަމްޕްގެ އަމުރާ އެއްގޮތަށް މުވައްޒަފުންނަށް އައު އިރުޝާދުތަކެއް ދެއްވާފައެވެ. މި އިރުޝާދުތަކުގައި ބަޔާންކޮށްފައިވަނީ “މީހެއްގެ ޖިންސަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫން” ކަމަށެވެ.

ޓްރަމްޕްގެ ގަރާރުގައި ބަޔާންކޮށްފައިވަނީ އެމެރިކާއިން ބަލައިގަންނަނީ “ދެ ޖިންސެއް ކަމަށްވާ ފިރިހެން އަދި އަންހެން” އެކަނި ކަމަށާއި، މިއީ “ބަދަލުނުކުރެވޭނެ ބަޔޮލޮޖިކަލް ޙަޤީޤަތެއް” ކަމަށެވެ.

މި ގަރާރުގެ ސަބަބުން، ސަރުކާރުން ދޫކުރާ އައިޑީތަކުގައި، އޭގެ ތެރޭގައި ޕާސްޕޯޓު، ވިސާ އަދި އެންޓްރީ ކާޑުތައް ހިމެނޭގޮތަށް، “ބަދަލުނުކުރެވޭނެ ބަޔޮލޮޖިކަލް ގިންތިކުރުމެއްގެ ގޮތުގައި ފިރިހެން ނުވަތަ އަންހެން” ކަމަށް ބަޔާންކުރަން ޖެހޭނެއެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ފުރަތަމަ ނޮން-ބައިނަރީ “އެކްސް” ޖެންޑަރ މާކަރ އާއެކު ޕާސްޕޯޓު ދޫކުރަން ފެށީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ދަ ގާޑިއަންގެ ރިޕޯޓުގައިވާ ގޮތުން، ބުރާސްފަތި ދުވަހު ސްޓޭޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަންގާފައިވަނީ “އެކްސް ސެކްސް މާކަރ އަށް އެދޭ އެއްވެސް އެޕްލިކޭޝަނެއް ހުއްޓުވުމަށެވެ. އަދި އެމީހުންގެ ސެކްސް މާކަރ ބަދަލުކުރުމަށް އެދޭ އެޕްލިކޭޝަނެއް ވިޔަސް ހުއްޓުވުމަށެވެ.

ނޯޓަސް ނިއުސް ސައިޓުން ވައިޓް ހައުސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން، ޓްރަމްޕްގެ އެ ގަރާރު ނެރުއްވިޔަސް، މިހާރު ދޫކޮށްފައިވާ ޕާސްޕޯޓުތައް ބާޠިލެއް ނުވާނެއެވެ. ނަމަވެސް އާކުރުމުގެ މަރުޙަލާގައި މި އައު ގަވާއިދުތަކަށް ތަބާވާން ޖެހޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close