ބޭރުދުނިޔެ

ރަޝިޔާގެ މުދާ އުފުލާ އާގުބޯޓެއް މެޑިޓަރޭނިއަން ކަނޑަށް އަޑިއަށް ހިނގައްޖެ

މެޑިޓަރޭނިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ ރަޝިޔާގެ މުދާ އުފުލާ އާގުބޯޓެއް އަޑިޔަށް ހިނގައްޖެއެވެ.

މި ބޯޓް އަޑިޔަށްދިޔައީ އިންޖީނު ރޫމްގައި ބާރުގަދަ އެއްޗެއް ގޮވުމާއެކު ބޯޓް ފޫވެއްޓިގެން ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާގައި ބޯޓުގައި ތިބި 16 ފަޅުވެރިންގެ ތެރެއިން 2 މީހުން ގެއްލިފައިވާ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

“އުރްސާ މޭޖަރ” ނަމަކަށް ކިޔާ މި ބޯޓަކީ 2009 ވަނަ އަހަރު ބަނދެފައިވާ ބޯޓެކެވެ. މި ބޯޓު ދުއްވަނީ ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ މިލިޓަރީ ކޮންސްޓްރަކްޝަން އޮޕަރޭޝަންސްގެ ބައެއް ކަމަށްވާ އޮބޮރޮންލޮޖިސްޓިކާ ކުންފުނިންނެވެ.

މި ބޯޓު ދަތުރުކުރަމުން ދިޔައީ ރަޝިޔާގެ އިރުމަތީ ސަރަޙައްދުގައިވާ ވްލަޑިވޮސްޓޮކް ބަނދަރަށް ކަމަށާއި، ބޯޓުގައި ބަނދަރު ކްރޭންގެ ބޮޑު ދެ ކްރޭން އުފުލަމުންދިޔަ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ކްރައިސިސް ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޓުގެ 16 ފަޅުވެރިންގެ ތެރެއިން 14 މީހުން ސަލާމަތްކޮށް ސްޕެއިނަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް 2 މީހުން އަދިވެސް ނުފެނި ވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އިންޖީނު ރޫމްގައި އެއްޗެއް ގޮވަން ދިމާވި ސަބަބެއް އެ ބަޔާނުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ސްޕެއިނުގައި ހުންނަ ރަޝިޔާގެ އެމްބަސީން ބުނެފައިވަނީ ބޯޓު އަޑިއަށް ދިޔަ ހާލަތު ބަލަމުންދާ ކަމަށާއި، ސްޕެއިނުގެ އިދާރާތަކާ ގުޅުން ބަހައްޓަމުންދާ ކަމަށެވެ.
މި ބޯޓު ސީދާ މިލްކުކޮށް އޮޕަރޭޓްކުރާ އެސްކޭ-ޔުގް ކުންފުންޏާއި އޮބޮރޮންލޮޖިސްޓިކާ ކުންފުނިން މި ހާދިސާއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފައިވެއެވެ.

ޑިސެމްބަރ 23 ވަނަ ދުވަހު ނަގާފައިވާ ކަމަށް ބުނާ ވީޑިއޯއެއްގައި މި ބޯޓު ވަރަށް ބޮޑަށް އެއްފަރާތަށް އަރިވެ، ކުރިމަތި އެއްފަރާތް ވަރަށް ބޮޑަށް ފެނުގެ އަޑިއަށް ގޮސްފައިވާ މަންޒަރު ފެންނަން ހުއްޓެވެ. މި ވީޑިއޯ ރަޝިޔާގެ ލައިފް.ރޫ ނިއުސް އައުޓްލެޓުން އަންގާރަ ދުވަހު ޝާއިޢުކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close