ބޭރުދުނިޔެ

އަސަދަށް ރަޝިއާއިން ހިމާޔަތް ދިނުމާ ގުޅިގެން ޓްރަމްޕްގެ އިންޒާރެއް

އަސަދަށް ރަޝިއާއިން ހިމާޔަތް ދިނުމާ ގުޅިގެން އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް ރަޝިއާގެ ރައީސް ޕޫޓިން އަށް އިންޒާރެއް ދީފިއެވެ.

ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް “ޓްރޫތް ސޯޝަލް” ގައި ކުރި ޕޯސްޓެއްގައި ބުނީ “އަސަދު މިހާރު ނެތް. އޭނާ ޤައުމުން ފިލައިފި. އޭނާއަށް ރައްކާތެރިކަން ދެމުން އައި ރަޝިއާ އަދި އެޤައުމުގެ ވެރިޔާ ވްލަޑިމިއާ ޕޫޓިން، އޭނާ ރައްކާތެރިކުރުމަށް އިތުރަށް ޝައުޤުވެރިކަމެއް ނުދައްކާ، އަދި އެންމެ ފުރަތަމަ ވެސް ރަޝިއާ އެތާ ހުންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް” ޓްރަމްޕް ވިދާޅުވިއެވެ.

ރަޝިއާގެ ބޭރު ކަންތައްތަކާބެހޭ މިނިސްޓްރީން އާދީއްތަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި އަސަދު ވަނީ ދިމިޝްޤު ދޫކޮށް، ވެރިކަމުން ފައިބައިފައެވެ. މިއާއެކު، 2000 ވަނަ އަހަރު އިޞްލާޙުގެ ވައުދުތަކާއެކު ފެށި، އަދި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ އަމަލުތަކާއެކު އޭނާގެ ވެރިކަން ނިމުމަކަށް އައީއެވެ.

2011 ގައި ސީރިއާގައި ސަރުކާރާ ދެކޮޅު ހަމަނުޖެހުންތައް ފެށުނީއްސުރެ އަސަދުގެ އެންމެ ބޮޑު ބާރަކަށްވި ރަޝިއާއަށް މިހާރު ވަނީ ޔުކްރެއިންގެ ހަނގުރާމައަށް ސަމާލުކަން ދިނުމަށް މަޖުބޫރުވެފައެވެ.

“ޔުކްރެއިންގެ ސަބަބުން އެމީހުން ސީރިއާއަށް ދޭ ސަމާލުކަން ގެއްލިއްޖެ. ޔުކްރެއިންގައި 600،000 އާ ގާތްކުރާ ރަޝިއާ ސިފައިން ވަނީ މަރުވެފައި ނުވަތަ ޒަޚަމްވެފައި. މިއީ ފަށަން ނުޖެހޭ، އަދި ދާއިމަށް ދެމިގެންދާނެ ހަނގުރާމައެއް،” ޓްރަމްޕް ވިދާޅުވިއެވެ.

ރައީސްކަމަށް އިންތިޚާބުވެފައިވާ ޓްރަމްޕް އިތުރަށް ވިދާޅުވީ ޕޫޓިން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ، މަޝްވަރާގެ މޭޒަށް އަންނަންވާނެ ކަމަށެވެ. އެހެންނޫންނަމަ، ޔުކްރެއިންގެ ހަނގުރާމައިގެ ސަބަބުން އޭނާގެ ޤައުމަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ސީރިއާގެ ޞުލްޙަވެރި އިހުތިޖާޖުތަކުން ފެށިގެން 2011 ވަނަ އަހަރު ފެށުނު ހަނގުރާމައިގައި، ރަޝިއާ ވަނީ އަސަދު ސަރުކާރަށް ހަރުދަނާ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ނަމަވެސް، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔުކްރެއިންއަށް ހަމަލާދިނުމާ ގުޅިގެން، ރަޝިއާގެ ސަމާލުކަން ސީރިއާއިން ދުރުވެގެން ދިޔައެވެ.

މި ދެ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ބޮޑަށް ލިބިފައިވާއިރު، ގިނަ ޤައުމުތަކުން ވަނީ ރަޝިއާގެ މައްޗަށް އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅާފައެވެ. މިކަމުގެ ސަބަބުން ރަޝިއާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބެލެވެއެވެ. އަދި މިހާރު އަސަދު ވެރިކަމުން ފައިބައި، ސީރިއާއިން ފިލުމަކީ މި ދެ ހަނގުރާމައިގެ ސަބަބުން އައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލު ކަމުގައި ސިޔާސީ ތަޙުލީލުކުރާ ފަރާތްތަކުން ދެކެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close