އިސްރާއީލަށް ހަތިޔާރު ވިއްކަމުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމަކީ މާނައެއްނެތް ކަމެއް: އިނގިރޭސި އިދިކޮޅު

އިސްރާއީލަށް ހަތިޔާރު ވިއްކަމުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމަކީ މާނައެއްނެތް ކަމެއް ކަމުގައި އިނގިރޭސި ވިލާތުގެ އިދިކޮޅު ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވެއްޖެއެވެ.
ޖެރެމީ ކޯބިން ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ބްރިޓިޝް ސަރުކާރަށް ގޮވާލައްވާފައެވެ. އޭނާ މިކަމަށް ގޮވާލައްވާފައިވަނީ އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދެއްކި ވާހަކައިގައި ހަނގުރާމަ ހުއްޓާލުމަށް އިންކާރުކުރުމާ ގުޅިގެންނެވެ.
ކޯބިން އެކްސް ގައި ޙިއްޞާކުރެއްވި ސިޓީއެއްގައި ބުނެފައިވަނީ ޣައްޒާގައި ހިނގަމުންދާ ނަސްލު ފޮހެލުމުގެ ޢަމަލުތަކުގައި ކޮންސަވޭޓިވް ސަރުކާރުން އިސްރާއީލަށް ސިޔާސީ، ޑިޕްލޮމެޓިކް، އިޤްތިޞާދީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ގޮވާލުމުގައި ސަރުކާރުން ފެއިލްވުމުގެ ސަބަބުން ޣައްޒާގައި ފެންނަމުންދާ ބިރުވެރި މަންޒަރުތައް ލުބުނާނު ހިމެނޭގޮތަށް މުޅި ސަރަޙައްދަށް ފެތުރެމުންދާ ކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ.
ފަލަސްޠީނަށް ތާއީދުކުރާ ޕާލިމެންޓް މެންބަރުންތަކެއް ސޮއިކޮށްފައިވާ މި ސިޓީގައި އިތުރަށް ބުނެފައިވަނީ “އިސްރާއީލަށް ހަތިޔާރު ވިއްކަމުން، އެ ޤައުމު ދިފާޢުކުރަމުން ‘ހަނގުރާމަ ހުއްޓާލުމަށް’ ގޮވާލުމަކީ މާނައެއްނެތް ކަމެއް ކަމަށެވެ. އަދި އެކަމުން އިސްރާއީލުގެ އުދުވާނީ ޢަމަލުތައް ހުއްޓުވުމަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.
“އަޅުގަނޑުމެން ގޮވާލަނީ އިސްރާއީލަށް ދޭ ހަތިޔާރުގެ އެހީ މުޅިން ހުއްޓާލުމަށާއި، އިޤްތިޞާދީ ފިޔަވަޅުތައް އެޅުމަށާއި، އަދި ޑިޕްލޮމެޓިކް އެހީތެރިކަން ހުއްޓާލުމަށް” އެސިޓީގައި ބުނެފައިވެއެވެ.
މި ގޮވާލުމަކީ ބްރިޓާނިއާގެ ސަރުކާރުން އިސްރާއީލަށް ދެމުންދާ އެހީތެރިކަމާ ދެކޮޅަށް އިތުރުވަމުންދާ ފާޑުކިޔުންތަކުގެ އިތުރު ހެއްކެކެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަޙައްދުގެ ހަމަނުޖެހުން އިތުރުވަމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.


