ޚަބަރު

އަޅުގަނޑު ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް: ރައީސް

ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާޅެންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ, އެ މަނިކުފާނު މިވަގުތު މިހުރީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ކަމަށާއި އެހެންކަމުން ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް ކަމަށެވެ.

އެހެންކަމުން ދެވަނަ ދައުރެއްގައި ދެން ކުރާން އޮންނާނެ ކަމަކީ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމާ, ރައްޔިތުންނަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑު ރިޔާސީ ރޭހަށް ނުކުމެ މިހުރީ ދެވަނަ ފަހަރަށް. އެއް ދައުރު ނިމިއްޖެ. އަޅުގަނޑު ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް. ސިޔާސީ މަގުސަދުގައި އަޅުގަނޑު ބޭނުންވާނެ އެއްވެސް ކަމެއް ދެން ނެތް. އިރާދަކުރެއްވީތީ މިއަދު މިހުރީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި. ތި ބޭފުޅުންގެ ތާއީދާއެކުގައި. ކުރިއަށް އޮތް ދައުރުގައި ސިޔާސީ މަގުސަދެއްގައި ދެން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުގެ މަގުސަދަކަށްވާނީ ފަށާފައިވާ މަސައްކަތްތައް ނިންމާ ރައްޔިތުންނަށް އުފާންވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން. އެނޫން އެއްވެސް މަގުސަދެއް ނޯންނާނެ,” ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ, ނ. އަތޮޅަށް ކުރާ ދަތުރުގައި އިތުރު އުންމީދުތަކެއް ލިބޭ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު މެޖޯރިޓީއެއް ލިބޭނެ އަތޮޅަކީ ނ. އަތޮޅު ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close