މަޖިލީހަށް ކުރިމަތިލުމުގެ ބޭނުމަކީ ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދިނުން – ރައީސް ނަޝީދު
19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ 1932 ވަނަ އަހަރުން ފެށިގެން ރައްޔިތުން ދެކެމުން އަންނަ ފަދަ މަޖިލީހަކަށާއި، ހަމައެހެންމެ، އެމަނިކުފާނު މަޖިލީހަށް ކުރިމަތިލުމުގެ ބޭނުމަކީ ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދިނުން ކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި، މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް އެމަނިކުފާނު ވާދަކުރައްވާނެކަން އިޢުލާންކުރެއްވުމަށް ރޭ މައްޗަންގޮޅި ކާމިނީ މަގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާޙީމާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެމަނިކުފާނުގެ ވެރިކަން ވެއްޓުމުން އެނބުރި އަންނާނެ ކަމުގެ ވައުދުވެވަޑައިގަތް ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަނީ އެނބުރި އަންނާނޭ ކަމަށްވީ ވައުދުގެ ދަށުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު މަޖިލީހަށް ވަދެވަޑައިގަންނަވަން ނިންމެވީ ރައްޔިތުންގެ އެތަކެއް ޙައްޤުތަކެއް ހޯއްދަވައިދެއްވުމަށް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭސް ފަރުވާއާއި، ދަތުރުފަތުރުގެ ނިޒާމު ހަމަ މަގަށް އަޅުވައި ރައްޔިތުންނަށް ހެޔޮވެރިކަމެއް ހޯދައިދެއްވުމަށް ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ މަޖިލިސް އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
