ޚަބަރު

އެމެރިކާގެ މޫސުން: އިރުއުތުރުގައި ފެންބޮޑުވެ، އެހެން ހިސާބުތަކުގައި އިންތިހާއައަށް ހޫނު ގަދަވެއްޖެ

ޖުލައި 16 (ރޮއިޓާސް) – މިހާރުވެސް ނިއު އިންގްލެންޑަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން ހަތަރު މީހަކު މަރުވެފައިވާއިރު، އެމެރިކާގެ އާބާދީގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބައި މީހުންނަށް އިންތިހާއަށް ހޫނުގަދަވާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ދީފި އެވެ.

އެމެރިކާގެ މޫސުމާބެހޭ ޤައުމީ އިދާރާ ނޭޝަނަލް ވެދަރ ސަރިވިސް (އެންޑަބްލިއުއެސް) އިން ބުނީ ނިއު އިންގްލެންޑާއި މެދު އެޓްލާންޓިކް ސަރަހައްދުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ތޫފާނެއްގެ އަސަރު ކުރާނެ ކަމަށެވެ. ނުރައްކަލަށް ހުށަހެޅިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ނިއުޔޯކް، ބޮސްޓަން އަދި ފިލަޑެލްފިއާ ފަދަ ބޮޑެތި ސިޓީތައް ހިމެނެ އެވެ.

އުތުރުއިރުމަތީގެ ބައެއް ސަރަހައްދުތަކުގައި ފާއިތުވި 10 ދުވަހުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެކިހިސާބުތަކުގައި ފެންބޮޑުވެ ފަސްގަނޑު ކަނޑައިގެން ގިނަބަޔަކަށް ގެއްލުންވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެކަމަށް އެންޑަބްލިއުއެސް އިން އާދީއްތަ ދުވަހުގެ ހެނދުނު ނެރުނު ފޯކާސްޓްގައި ބުނެފައިވެ އެވެ.

ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޯޗުލް ވަނީ މޫސުން ރަނގަޅުވަންދެން ދަތުރު ނުކުރުމަށް އެ ސްޓޭޓުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވައި، މޫސުމީ ކާރިސާތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވިދާޅުވެފައެވެ.

ފިލަޑެލްފިއާގެ އިރު އުތުރުން ގާތްގަނޑަކަށް 20 މޭލު ދުރުގައި އޮންނަ ޕެންސިލްވޭނިއާގެ އަޕަރ މޭކްފީލްޑް ޓައުންޝިޕްގައިވެސް ހޮނިހިރު ދުވަހު ފެންބޮޑުވެ ހަތަރު މީހަކު ގެނބިގެން މަރުވެފައިވާ ކަމަށް އެ ސްޓޭޓްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސަލާމަތްކުރާ ފަރާތްތަކުން އާދީއްތަ ދުވަހު ބުނީ އިތުރު ތިން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ނުވަ މަހުގެ ކުއްޖަކާއި އޭނާގެ ދެ އަހަރުގެ ބޭބެގެ އިތުރުން ބޮޑު އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި އިރުއުތުރުގައި މޫސުންގޯސްވުމުގެ ސަބަބުން ފެންބޮޑުވެފައިވާއިރު، ވާމޮންޓްގެ ވެރިރަށް މޮންޓްޕެލިއަރގައި ފެންބޮޑުވުމުގެ އިންޒާރު އާދީއްތަ ދުވަހު އަނެއްކާވެސް ވަނީ ދީފައެވެ.

އެމެރިކާގެ އިރުއުތުރުގެ ސަރަހައްދުތަކުގެ އިތުރުން ، މެދުތެރޭގެ މައިދާނާއި މެދު މިސިސިޕީ ވާދީގެ ބައެއް ސަރަހައްދުތަކާއި އިރުމަތީ ޓެކްސަސް އާއި އާކަންސަސް އާއި ލުއިޒިއާނާގެ ބައެއް ސަރަހައްދުތަކާއި ގަލްފް ކޯސްޓްގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެންޑަބްލިއުއެސް އިން ލަފާކުރެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close