ޚަބަރު

އެމެރިކާގައި 30 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު، ހިޒްބުاللهގެ ކުރީގެ ވެރިއެއް މިނިވަން ވެއްޖެ

ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގައި އެމެރިކާގައި 30 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު، އެމެރިކާގެ ހިޒްބުالله ޖަމާއަތުގެ ކުރީގެ ވެރިޔާ މުހައްމަދު ޔޫސުފް ހަމްމޫދު އެނބުރި ލުބުނާނަށް ވަޑައިގެންފި އެވެ.

ލުބްނާނަށް އުފަން އުމުރުން 49 އަހަރުގެ ހަމްމޫދަށް ބެއިރޫތު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކީ މަންޒަރު ފެންނަ ވީޑިއޯއެއް ހިޒްބުاللهގެ އައުޓްލެޓް އަލް މަނާރު އިން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަމްމޫދުގެ އުފަން ރަށުން އޭނާއަށްކީ “ހީރޯސް ވެލްކަމް” އެކެވެ.

އުމުރުން 49 އަހަރުގެ ހަމްމޫދު، 1995 އިން 2000 އަށް ނޯތު ކެރޮލައިނާގެ ޗާލޮޓްގައި ހިޒްބުالله އަށް “މެޓީރިއަލް ސަޕޯޓް” ދިން ކަމުގެ ތުހުމަތުގައި އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން 2002 ވަނަ އަހަރު 155 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރިއިރު ހުރީ އެމެރިކާއިން ވަގަށް ސިނގިރޭޓް ސްމޮގްލް ކުރާ ނެޓްވޯކެއްގެ އިސްމީހެއްގެ ގޮތުގައެވެ. އަދި އޭނާ ހިންގި ވަގުވިޔަފާރިން 8 މިލިއަން ޑޮލަރުގެ ފައިދާއެއް ނަގާފައިވާއިރު އޭގެ ތެރެއިން ބައެއް ފައިސާ ހިޒްބުالله އަށް ދާ ކަމަށް އެމެރިކާއިންވަނީ ތުހުމަތު ކޮށްފައެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު އޭނާގެ މައްޗަށް އިއްވާފައިވާ ހުރިހާ ހުކުމެއް ދަމަހައްޓައި އިސްތިއުނާފު ކުރަން އެމެރިކާއިން ދެކޮޅު ހެދިނަމަވެސް އެންމެފަހުން 30 އަހަރަށް އޭނާގެ ހުކުމް ވަނީ ބަދަލުވެފަ އެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި އީޔޫއިން ވަނީ ހިޒްބުالله ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ހިޒްބުالله އިން ވަނީ އެ ދައުވާތަކަކީ ދޮގު ދައުވާއެއް ކަމަށް ސިފަކޮށް ހަމްމޫދަކީ ކުށެއް ނެތް މީހެއް ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހަމްމޫދު ދޫކޮށްލިކަން އިއުލާނު ކޮށްފައި ނުވާއިރު، ބެއިރޫތުގައި ހުންނަ އެމެރިކާ އެމްބަސީގެ ޕްރެސް ސްޕޯކްސްޕާސަން ވެސް މިކަމާ ގުޅޭގޮތުން ރަސްމީ ކޮމެންޓެއް މީޑިއާތަކަށް ދީފައި ނުވާކަމަށް ނިއު އަރަބް ނޫހުން ބުނެއެވެ.

އެމެރިކާގެ ޑިސްޓްރިކްޓް އެޓާނީ އޭން ޓޮމްޕިންސް 2011 ވަނަ އަހަރު ވިދާޅުވެފައިވަނީ ހަމްމޫދު ހިންގީ “އެތައް މިލިއަން ޑޮލަރެއް ގެ ޖިނާއީ ވަގު ވިޔަފާރިއެއް” ކަމަށާއި އަދި އޭނާ “ޗާލޮޓްގައި ސިއްރު ޓެރަރިސްޓް ސެލްއެއް ހިންގަވާފައިވާ” ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close