އަތޮޅުތައް ތަރައްޤީ ކުރުމުގައި ކުރީ ސަރުކާރުތަކުން ވަނީ އިހުމާލުވެފައި: އަސްލަމް
އަތޮޅުތައް ތަރައްޤީ ކުރުމުގައި ކުރީ ސަރުކާރުތަކުން ވަނީ އިހުމާލުވެފައި ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާރ ސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ގއ. ދާންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމާއި، ބޮޑު ޖައްރާފާ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެއް ރަށަކަށް ނުވަތަ މަދު ރަށަކަށް މީހުން ޖަމާކުރުމުގެ ވިސްނުމެއް ސަރުކާރުގަ ނެތް ކަަށާއި 1997 ވަނަ އަހަރުން ފެށިގެން ހިއްކަން ފެށި ހުޅުމާލެއިން އަދިވެސް މާލޭ ރައްޔިތުންނަށް ގެދޮރުގެ ހައްލެއް ހޯދިފައިނުވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަތޮޅުތައް ތަރައްގީ ކުރުމުގައި ކުރީ ސަރުކާރުތައް އިހުމާލުވެފައިވާ ކަމަށާއި އޭގެ ނަތީޖާއަކީ ބޮޑެތި މައްސަލަތައް ގައުމުގައި އުފެދިފައި އޮތުން ކަމަށެވެ.
އެ މައްސަލަތަކަށް ހައްލެއް މިއަންނަނީ މުޅި ރާއްޖެއަށް މާލެވެސް ހިމެނޭހެން ތަރައްގީ ފަތުރާލައިގެން. އެކަން ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް. ރާއްޖެ ތިން ރީޖަނަކަށް ބަހާލުމަށް ފަހު އެ ތިން ރީޖަންގެ ތެރޭގަ ހަ ޒޯން އޮވެ އެ ހަ ޒޯނުގަ ހުރި ކުދިކުދި ރަށްރަށަކީ އެކަތި ގަނޑަކަށް ހެދެމަކީ ވިސްނުމެއް. މި ޕްލޭން މިހާރު ކުރެވި ފޮތެއްގައި ޗާފުކޮށްފަ އޮންނާނީ. އެއާއެކީ އަޅުގަނޑުމެން ފެށީ ދަތުރުފަތުރުގެ ނިޒާމު.”
މިނިސްޓަރ އަސްލަމް
މިނިސްޓަރ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުގެ ދަށުން ހއ. ހދ. އަދި ށ.އަތޮޅުގެ ރަށްރަށުގެ މީހުން ދަނީ ދަތުރުފަތުރު ކުރަމުން ކަމަށާއި އެމްޑީޕީގެ އަބަދުވެސް ވިސްނުމަކީ ދަތުރުފަތުރުގެ ނިޒާމެއް މުޅި ރާއްޖޭގައި އޮތުން ކަމަށެވެ.
ރާއްޖެ ބަދަލުކޮށްލާނީ ދަތުރުފަތުރުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ގައުމުގެ ކަންތައްތައް ބަދަލުވެގެންދަނީ ސިޔާސީ ވެރިންގެ ވިސްނުމާއި ފިކުރާއެކީގައި ކަމަށެވެ.
ދާންދޫ ބިންހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާނެ ބޮޑު ޖައްރާފާ އިފްތިތާހުކޮށްދެއްވީ މިނިސްޓަރ މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަސައްކަތުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާ، ގޮނޑުދޮށް ހިމާޔަތްކުރާއިރު 833 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓު ޖެހުމާއި، 375 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ އާއި 180 މީޓަރު ބޮޑު ހިލައިގެ ގްރޮއިން އަދި 345 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓު ޖެހުމަށް ވަނީ އެއްބަސްވެފައެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ 31 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި، ބިންހިއްކުމުގެ 33 އިންސައްތަ ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ބިންހިއްކުމާއެކު ހިލަތޮށީގެ މަސައްކަތް ކަމަށެވެ.

