ޚަބަރު

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދިނުމަށް ރައީސް ނިންމަވައިފި

ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ސަރުކާރުން މިފަހަރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި ހުޅުވާލީ 720 ފުރުޞަތެވެ. މިފުރުސަތަށް 1500އަށްވުރެ ގިނަ ދަރިވަރުންވަނީ ކުރިމަިލާފައެވެ.

ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް އިޢުލާންކުރެއްވީ މިދިޔަ ދިރާސީ އަހަރު މަތީ ޘާނަވީ އިމްތިޙާން ނިންމި ދަރިވަރުންނަށް އިނާމް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މަތީ އަރުތަވެރިންގެ އިނާމް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވީ ދިވެހި ދަރިވަރުން ފޯރުންތެރިކަން ނެތިގެން ނުވަތަ އާއިލާއާ ވަކިން ބޭރަށް ދާންޖެހިދާނެތީ މަތީ ތައުލީމު ހާސިލުނުކުރެވިފައި މިހާރު ތިބެންނުޖެހޭނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުން އެކަން ކުރަން ބޭނުންވާ ކުދިންނަށް، ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުންވެސް އެކަން ކުރެވޭނެކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ދިނުމުގައިވެސް މިއަހަރު ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1225 ކުދިންނަށްވެސް އެ ލޯން ދޭން ނިންމާފައިވާކަމަށެވެ. މިއަހަރު ދޭ 1225 ލޯނާއެކު، މި ދައުރުގެ ތެރޭ މިހާތަނަށް 3211 ދަރިވަރަކަށް މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރުމަށް ލޯނު ދޫކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގަވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކަމަކީ، ދިވެހި ދަރިންނަށް ރަނގަޅު ތައުލީމު ހޯދައިދިނުމާއި މަތީ ތައުލީމާ ތަމްރީންގެ ދާއިރާ މިހާރަށްވުރެ ފުޅާކުރުންކަމަށެވެ.

“އަޅުގަނޑު މި ނިންމީ، މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1225 ކުދިންނަށްވެސް އެ ލޯން ދޭން. މީގެ ތަފްސީލުތައް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މާދަމާ ހިއްސާކުރައްވާނެ. މަތީ ތައުލީމާ ތަމްރީންގެ މިހާ ފަހި ފުރުސަތުތަކެއް، އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައެއް ނެތް” ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ދަރިވަރުން ތަޢުލީމީ ރޮނގުން ދާންބޭނުންވާ ހިސާބަކަށް ގެންގޮސްދިނުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމަށެވެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށް އަދި އެއްވެސް ތަފާތުކުރުމެއް ނެތި އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އާބާދީ ކުޑަވެގެން ނުވަތަ ކުދިން މަދުވެގެން ސްކޫލްގައި ކިޔަވައިނުދޭ ރަށެއް މިހާރަކު ނޯންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޘާނަވީ ނިންމުމަށްފަހު، މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތަނަވަސްވެފައިވާކަމަށާއި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައްވެސް ބައެއް އަތޮޅުތަކުގައި މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ މަގާމު ތިޔަ ދަރިވަރުން ހާސިލުކުރުމަކީ، ހަގީގަތުގަ މުޅި ގައުމަށް ލިބޭ އުފަލެއް. އަދި ގައުމުގެ ކުރިމަގާމެދު އުންމީދު އާލާވާ ކަމެއް. އެއީ ތިކުދިން އެކި ރޮނގުތަކުން މަތީ ތައުލީމު ހާސިލުކޮށްގެން، ރާއްޖެއަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް ނުކުތުމުގެ އުންމީދު. ތީގެ ތެރެއިން ކޮންމެ ދަރިވަރަކީ، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން މަތީ ތައުލީމާ ތަމްރީން ހާސިލުކޮށްގެން، ގައުމީ ތަރައްގީގެ ޒިންމާތަކާ ހަވާލުވާނެ ދަރިއެއްކަން އަޅުގަނޑަށް ޔަގީން.” ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މިފަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމަވާފައިވާއިރު އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވަމުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައި، އެފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close