ވ. އަތޮޅުން ފެނުނީ ނިޒާމް މަރާލިކަމަށް ތުހުމަތުކުރާ ލިޓަންގެ ހަށިގަނޑެއް ނޫން: ފުލުހުން
ވ. އަތޮޅު ވެންފަރު ކައިރިން ކަނޑުމަތިން ފެނުނު ހަށިގަނޑަކީ ތެޔޮ ބޯޓަކުން ގެއްލިގެން ހޯދަމުންދާ ބަންގްލަދޭޝްގެ އުމުރުން35 އަހަރުގެ މުހައްމަދު ލިޓަންގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
އެހަށިގަނޑު ފެނުނީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ28 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ތެޔޮ ބޯޓު ފެނުނު ދުވަހެވެ. އެ ބޯޓު ފެނުނީ ހުޅުލޭ ނެރު ނެރު ކައިރިން އޮޔާ ދަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވ. އަތޮޅު ކަނޑުމަތިން ފެނުނީ ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުންދާ މީހާގެ ހަށިގަނޑު ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެ ހަށިގަނޑު އެ ސަރަހައްދުން ފެންނަން ޖެހުނު ގޮތެއް އަދި ނޭނގެ އެވެ.
އޮފިޝަލް ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ އެ ހަށިގަނޑަކީ ރާއްޖެއަށް އޮޔާއި އެކު އައިސްފައިވާ ހަށިގަނޑެއްކަން ޔަގީން ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެ ހަށިގަނޑަކީ ލިޓަންގެ ހަށިގަނޑަށް ނުވިޔަސް ލިޓަން މަރާލާފައިވާ ކަމަށް ފުލުހުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އޭނާގެ މަރުގެ މައްސަލައިގަ އެ ތެޔޮ ބޯޓުގެ ކެޕްޓަން ގދ. ތިނަދޫ މަނާރު އުމުރުން 45 އަހަރުގެ މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައި އެވެ.
ޕީީޖީން ބުނީ ވަރަށް އަވަހަށް ނިޒާމަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.



