ޚަބަރު

ޕަަރފޯމަންސް އިންޑެކްސް ރޭންކިންގެ އެއްވަނަ ލިބުނީ ށ.އަތޮޅު ކައުންސިލަށާއި، ބޮޑުފުޅަދޫ ކައުންސިލަށް

ލޯކަލް ކައުންސިލް ޕަަރފޯމަންސް އިންޑެކްސް ރޭންކިންގެ 2021 ވަނައަހަރުގެ އެއްވަނަ ލިބުނީ ށ.އަތޮޅު ކައުންސިލަށާއި، ބޮޑުފުޅަދޫ ކައުންސިލަށެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިންވަނީ 2021 ވަނަ އަހަރުގެ އެންމެ ހިންގުންތެރި އަތޮޅު ކައުންސިލަކަށާއި، އަދި ރަށު ކައުންސިލަށް އެކަމުގެ އެވޯޑު ދީފައެވެ.

ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސް ރޭންކިންގއަށް ބަލައިގެން މައިގަނޑު 4 ކެޓަގަރީއަކުން 16 އެވޯޑު އެލްޖީއޭއިން ވަނީ ދީފައެވެ. އެގޮތުން އަހަރުގެ އެންމެ ހިންގުންތެރި ކައުންސިލްތަކަށް އެލްޖީއޭއިން ދޭ ‘ކަންގަތި’ އެވޯޑުން އެންމެ މަތީ މާކްސް ހޯދައިގެން އެންމެ ހިންގުންތެރި އަތޮޅު ކައުންސިލަކަށް ށ. އަތޮޅު ކައުންސިލް ހޮވިފައިވާއިރު އެންމެ ހިންގުންތެރި ރަށު ކައުންސިލަކަށް ހޮވިފައިވަނީ ބޮޑުފުޅަދޫ ކައުންސިލެވެ.

ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސް ރޭންކިންގައި އެއްވަނަ އަތޮޅު ކައުންސިލަކަށް ށ. އަތޮޅު ކައުންސިލް ހޮވިފައިވާއިރު ދެ ވަނަ އަށް ހޮވިފައިވަނީ ފ. އަތޮޅު ކައުންސިލެވެ. އަދި ތިން ވަނަ އަށް ހޮވިފައިވަނީ ލ. އަތޮޅު ކައުންސިލެވެ.

އަދި އެންމެ ހިންގުންތެރި ކައުންސިލްތަކުގެ ގޮތޮގައި ހޮވިފައިވަނީ ބޮޑުފޮޅުދޫ ކައުންސިލާއި، ފެހެންދޫ ކައުންސިލް އަދި ތުރާކުނު ކައުންސިލެވެ.

ލޯކަލް ޕާރފޯމަންސް އިންޑެކްސް އަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް 2015 ވަނަ އަހަރު އިފްތިތާހު ކޮށްފައިވާ ހާއްސަ އިންޑެކްސެކެވެ.

މީގެއިތުރުން ވަކިވަކި ސަބް އިންޑެކްސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަތޮޅު އަދި ރަށު ކައުންސިލަށް އެރުވޭ ހަނދާނީ ފިލާ، މާރާދަ ހަނދާނީ ފިލާ 10 ފަރާތަކަށް ވަނީ އަރުވާފައެވެ.

މި އެވޯޑް ދިނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މިދިޔަ އަހަރު ކައުންސިލްތަކުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.

މި އެވޯޑަކީ 2015 ވަނަ އަހަރުން ފެށިގެން އެލްޖީއޭއިން ދެމުން އަންނަ އެވޯޑެކެވެ.

މިއެވޯޑް ހަފްލާގައި ވާޙަކަފުޅު ދައްކަވަމުން އެ އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ މި އިންޑެކްސް ތައާރަފްކުރުމުގެ މަގްސަދަކީ، ކައުންސިލްތައް ޖަވާބުދާރީވުމާއި މެންޑޭޓްގައި ހުރި މަސައްކަތްތައް ޒިންމާދާރުކަމާ އެކު ފުރިހަމައަށް އަދާކުރޭތޯ ބެލުން ކަމަށެވެ.

މިހާރު އެލްޖީއޭއިން ކުރަމުން އަންނަ އެއް މަސައްކަތަކީ ކައުންސިލްތަކުގެ މެންޑޭޓަށް އައި ބަދަލުތަކާ އެކު ޕާފޯމަންސް އިންޑެކްސްއަށް ވެސް އެ ބަދަލުތައް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ރަނގަޅު ނަތީޖާ ނެރެގެން ކައުންސިލްތަކުން ހޯދާފައިވާ އެވޯޑްތަކަށް ބަލާލާއިރު:

ލާމަރުކަޒީ ގާނޫނަށް އަމަލުކުރާ މިންވަރު ދައްކުވައިދޭ އިންޑެކްސް:
ހއ. އަތޮޅު ކައުންސިލް

ޅ. ކުރެންދޫ ރަށު ކައުންސިލް

އިފެކްޓިވް އިންޑެކްސް:
ށ. އަތޮޅު ކައުންސިލް

ބ. ފެހެންދޫ ރަށު ކައުންސިލް

ޕާޓިސިޕޭޝަން އިންޑެކްސް:
ފ. އަތޮޅު ކައުންސިލް

އއ. ބޮޑުފޮޅުދޫ ރަށު ކައުންސިލް

އެކައުންޓަބިލިޓީ އިންޑެކްސް:
ށ. އަތޮޅު ކައުންސިލް

ތ. ބުރުނީ ރަށު ކައުންސިލް

ސެކިއުރިޓީ އިންޑެކްސް:
ނ. އަތޮޅު ކައުންސިލް

ރ. ހުޅުދުއްފާރު ރަށު ކައުންސިލް

ފާއިތުވި އަހަރުގެ ޕަރފޯމަންސް އިންޑެކްސްގެ ނަތީޖާއާ އަޅާބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދައިގެން ކާންނާ ހަނދާނީ ފިލާ ހޯދާފައި ވަނީ މިލަޑުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލެވެ.

އެލްޖީއޭއިން ހާމަކުރި ގޮތުގައި ރ.މަޑުއްވަރީ ކައުންސިލް، ބ.ފުޅަދޫ ކައުންސިލް، ކ. ތުލުސްދޫ ކައުންސިލް، އދ. އޮމަދޫ ކައުންސިލް، އދ. މަންދޫ ކައުންސިލް، ވ. ފުލިދޫ ކައުންސިލް، ވ. ތިނަދޫ ކައުންސިލް، ވ. ރަކީދޫ ކައުންސިލް، ތ. ކަނޑޫދޫ ކައުންސިލް، ގއ. ކޮނޑޭ ކައުންސިލުން 2021 ވަނަ އަހަރުގެ މައުލޫމާތާއި ކިތާބީ ހެކި ހުށަހަޅާފައި ނުވެއެވެ.

އެލްޖީއޭއިން ޕާފޯމަންސް އިންޑެކްސް އެކުލަވާލަނީ، އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވާ ސުވާލު ކަރުދާހަށް ދޭ ޖަވާބާއި ކައުންސިލްތަކުން ހުށަހަޅާ ކިތާބީ ހެކިތަކުގެ މައްޗަށް ބަލައިގެންނެވެ. މިދިއަ އަހަރުގެ ކަންސިލްތަކުގެ ޕާފޯމަންސް ރޭންކުކުރަން ސުވާލު ކަރުދާހަށް ޖަވާބު ދޭން މިހާރު ވަނީ ހުޅުވާލައިފައެވެ. މި ކަރުދާހަށް ޖަވާބު ދިނުމުގެ ސުން ގަޑިއަކީ 13 އެޕްރީލް އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close