ޚަބަރު

ޢާންމު މަޞްލަޙަތު ނުގެއްލޭ ގޮތަށް ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމާއި ޙައްޤުތައްވެސް ކަނޑައެޅިފައި އޮންނަނީ، އެބައެއްގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމުގެ މައްޗަށްކަމަށާއި، އެހެންކަމުން ޢާންމު މަޞްލަޙަތު ނުގެއްލޭ ގޮތަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ހިފުމަށް ވެސް ރައީސުލްޖުމްހޫހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވިވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ކޮންމެ ފަރާތަކުންވެސް މިކަންކަން ހަނދާނުގައި ބަހައްޓަންޖެހޭކަމާއި ކުދިން ތަރުބިއްޔަތު ކުރުމުގައިވެސް މިކަންކަމަށް އިސްކަންދިނުން މުހިންމުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް ވެދޭ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހިސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް، ޖަޕާނުގެ ވަރަށް ގިނަ އެހީތަކެއް މިހާރުވެސް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެ މުހިންމު ބޭނުންފުޅަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރުޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެޤައުމުތަކުން ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކަމާއެކު ކުރިޔަށްގެންދިއުމުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މިދަތުރުފުޅުގެ މުހިންމު އެއް ބޭނުންފުޅަކީ ވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، އާލާކޮށް ކުރިއެރުވުންކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ޖަޕާނުގެ އެމްޕެރާ އަކިހީޓޯ މަޤާމުން އަމިއްލަފުޅަށް ދުރުވެވަޑައިގެން، ރަސްކަމުގެ ތަހުތަށް ކްރައުން ޕްރިންސް ނަރުހީޓޯ އިސްކުރުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖަޕާނުގެ ބައެއް ތާރީޚީ އަދި ޘަޤާފީ ބިނާތައް ބައްލަވާލެއްވުމުގެ އިތުރުން ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން އެޤައުމުގެ ކިޔޯޓޯ ސިޓީއާއި ހިރޮޝީމާގެ އިތުރުން އޮސާކާއަށް ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close