ޕީޕީއެމް ގެ އެކްޓިވިސްޓް ސަމަދުބެ އިންޑިއާ އިން ހައްޔަރުކޮށްފި
ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) ބޭސްފަރުވާއަކަށް އިންޑިއާ ގޮސް ހުއްޓާ ހައްޔަރު ކޮށްފިއެވެ.
“ދިޔަރެސް” ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ސަމަދުބެ މިއަދު ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން ވަނީ އެތަނަށް ގޮސް ސަމަދުބެ ހައްޔަރު ކޮށްގެން ގެންގޮސްފައެވެ.
“އެމީހުން ބުނި ކަމަށްވަނީ ސަމަދުބެ ޕާސްޕޯޓުގައި މައްސަލައެއް ހުރިކަމަށް. އަދި ޑިޕޯޓުކުރަން ގެންދަނީ ކަމަށް ބުނި” ސަމަދުބެގެ ގާތް މީހަކާއި ހަވާލާދީ ދިޔަރެސް އިން ބުންޏެވެ.
ސަމަދުބެ އަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމް އިން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދިރިއުޅުއްވާ އަމީން އެވެނިއު ކައިރީ ކުރި ބައެއް މުޒާހަރާތަކުގައި ވެސް ސަމަދުބެ އިސްދައުރެއް އަދާކޮށްފައި ވެއެވެ.
އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލާ ބައެއް ދިވެހިންނަށް މީގެ ކުރިން ވެސް އިންޑިއާގެ އިމިގްރޭޝަނުން ހުރަސްތައް ކުރިމަތިކޮށް ޑީޕޯޓް ކޮށްފައި ވެއެވެ.


