ހަފްތާ ބަންދުގައި ކުޑަގިރި މުޅިން ހިލޭ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުއްވައިދެއްވުމަށް މިހިނގާ ފެބްރުއަރީ މަހުގެ 11 ވާ ހޮނިހިރު ދުވަސް ހަމަޖެހިފައިވާއިރު، އެ ރަށަށް ދަތުރުކުރާ ފެރީގެ އަގަކީ ކޮޅަކަށް 25ރ އަދި އެންޓްރަންސް ފީއަކީ 50ރ. ކަމުގައި ސަރުކާރުން ހަމަޖައްސަވައި ހަފުތާ ބަންދު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ދިވެހިންނަށް ހިލޭ އެ ރަށަށް ޒިޔާރަތް ކުރެވޭނެ ގޮތަށް ޤަވާއިދުތައް އެކަށައަޅައިފި އެވެ.
ކުރިން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ތަރައްގީކުރި ކުޑަގިރި އަކީ އެމްޓީސީ، އެޗްޑީސީ، އެމްޑަބްލިއުއެސްސީ، ފެނަކަ އަދި ސްޓެލްކޯ ފަދަ ފަސް ކުންފުންޏެއްގެ އެހީގައި ސަރުކާރުން ޕަބްލިކް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އަލުން ތަރައްޤީ ކުރި ރަށެކެވެ. އެ ރަށުގައި ފާޚާނާ އާއި ޗޭންޖިން ރޫމާއި ޒިޔާރަތްކުރާ މީހުންގެ ބޭނުންތައް ފުއްދުމަށް ބޭނުންވާ އަސާސީ ސާމާނުގެ އިތުރުން ނާސިން ރޫމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. މީގެ އިތުރުން އެރަށުގައި ކެފޭ، ކްލިނިކް، ކޮންވިނިއަންސް ސްޓޯރު އަދި ރީޓެއިލް ސްޓޯރެއްގެ އިތުރުން މިސްކިތެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނީ އެ ރަށުގައި ފެނާއި ކަރަންޓު ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ. އެ ރަށުގައި ޑޭ ޔޫސް 12 ކޮޓަރި އާއި 13 ކުދި އަދި އާންމުކޮށް ބޭނުން ކުރުމަށް ބޮޑު ހަތަރު ކޮޓަރި ހުރެ އެވެ. އެ ރަށުގައި ހުރި ކުޅިވަރު ފެސިލިޓީތަކުގެ ތެރޭގައި ވޮލީ ކޯޓާއި ބާސްކެޓް ކޯޓާއި އައުޓްޑޯ މިނީ ފުޓްބޯލް ކޯޓާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭ ތަންތަނާއި ޑައިވް ސެންޓަރުތަކާއި ވޯޓާ ސްޕޯޓްސް ސެންޓަރު ހިމެނެ އެވެ.
އަދި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެޑްމިން އިމާރާތަކާއި ފްރަންޓް އޮފީހަކާއި ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާވެސް އެރަށުގައި ވަނީ ހަރުކޮށްފައެވެ. އެޗްޑީސީން ވަނީ ކުޑަގިރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ދޫކުރުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައެވެ.
މިއީ ދުޅަހެޔޮ އަދި ހިތްހަމަޖެހޭ އިޖުތިމާއީ ގުޅުންތަކާއި ހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މާލޭގެ ރައްޔިތުންނަށް ލުޔެއް ލިބޭ ގޮތަށް ކުރިން ފަރުމާކޮށްފައިވާ ކުޑަބަނޑޮސް އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަމިއްލަ ވިޔަފާރިއަކަށް ދޫކޮށްލި ތަނެކެވެ. އަލަށް ފެށި މި ހަރަކާތަކީ މާލެ ކައިރީގައި ދަތުރުފަތުރުކުރުމުގެ ލުއިފަސޭހަކަން އަލުން އިއާދަކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑަކީ ދިވެހިންނާއި ޓޫރިސްޓުންނަށް މުނިފޫހިފިލުވުމާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަބަކަށް ވެގެންދާނެ އެވެ.
