ލަންދޫސްކޫލްގައި “މޫދު ގުނބޯ”ގެ ނަމުގައި ފަތަންދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި
ނ.ލަންދޫ ސްކޫލާއި، ލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން “މޫދު ގުނބޯ”ގެ ނަމުގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް އިފްތިތާޙް ކޮށްފިއެވެ.
ލަންދޫ ސްކޫލުން ބުނީ މިއީ އެސްކޫލްގެ ދަރިވަރުންނާއި، ސްޓާފުންނަކީ %100 ފަތަން ދަންނަ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ.
ތިން ހަފްތާ ނުވަތަ 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފެތުމުގެ ޕްރޮގްރާމްގައި ފަތަން ދަސްކޮށް ދިނުމާއި، އެކު މައުލޫމާތު ދެއްވާނީ ކަމުގެ ޚާއްޞަ ތަމްރީނު ލިބިފައިވާ ސްވިމިން އިންސްޓްރަކްޓަރުންނެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު އިއްޔެ ހަވީރު ލަންދޫ “ވަލުގޯތި” ސަރަޙައްދުގައި އިފްތިތާހް ކުރެވިގެންދިޔަ މި ޕްރޮގްރާމްގައި ލަންދޫސްކޫލްގެ 200 އަށްވުރެ ގިނަ ދަރިވަރުންނާއި، 48 މުވައްޒަފުން ބައިވެރިވާނެކަމަށް ލަންދޫސްކޫލުން މައުލޫމާތު ދެއްވައެވެ. މި ޕްރޮގްރާމް ނިމޭއިރު ސްވިމިން އެސޯސިއޭޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްވަރަށް ފަތަން ދަސްވެފައިވާ ފަރާތްތަކަށް އެ އެސޯސިއޭޝަނުގެ ސެޓްފިކެޓެއް ލިބޭނެކަމަށްވެސް ލަންދޫސްކޫލުން މައުލޫމާތު ދެއްވައެވެ.
އިއްޔެ ހަވީރު 4:15 ގައި އިފްތިތާހް ކުރެވިގެން ދިޔަ މި ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ލަންދޫސްކޫލްގެ ބެލެނިވެރިންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، ރަށުގެ ކަމުވޮށިވެގެންވާ ބޭފުޅުން ވަނީ ވަނީ ބައިވެރިވެފައެވެ.
ލަންދޫސްކޫލަކީ 200 އަށްވުރެ ގިނަދަރިވަރުން ތައުލީމް ހާޞިލް ކުރަމުންދާ ޕްރީސްކޫލުން ފެށިގެން ގްރޭޑް 10 ގެ ނިޔަލަށް ކިޔަވައި ދެމުންދާ ސްކޫލެކެވެ.
