ނަޝީދަކީ ވެރިކަމަށް ގެންނަން ހެޔޮވާވަރުގެ ބޭފުޅެއްނޫން: ޔައުގޫބު
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ގެންނަން ހެޔޮ ނުވާނެ ކަމުގައި އެޕާޓީގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ވަރުގަދަވެ، އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަނާއި ނަޝީދު ފެކްޝަންގެ ބަހުގެ ހަމަލާތައްވެސް ހޫނެވެފައި ވަނިކޮށް ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފި ނަމަ ނަތީޖާއަކަށް ވެގެންދާނީ ރާއްޖެ ބަގުރޫޓު ވެގެން ދިއުން ކަމަށާއި، އެފަދަ ހާލަތަކަށް އައިސްފިނަމަ ރާއްޖޭގައި އިންވެސްޓް ކޮށްގެން ތިބި ފަރާތްތައް ރާއްޖެ ދޫކޮށް ދާނެކަމަށެވެ.
އަދި އެ ހާލަތުގައި ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް ވަގުތުން ފައިސާ ދައްކާން ޖެހި، ރާއްޖެއަށް ލޯނު ދޭނެ ފަރާތެއްވެސް ނުވާނެކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.
ޔައުގޫބު ވިދާޅުވީ ނަޝީދު ވެރިކަމަށް ގެންނަން ހެޔޮ ނުވާނެކަމަށް އޭނާ ދެކެނީ އޭނާ ގައުމު ދެކެ ލޯބިވާތީ ކަމުގައެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގައި، އެޕާޓިގެ ޕާލަމެންޓްރީ ގުރޫޕްވަނީ ދެބަޔަކަށް ބެހިފައެވެ. އޭގެ ތެރޭގައި ޔައުގޫބަކީ ރައީސް ސާލިހުގެ ފެކްޝަނަށް ތާއީދު ކުރާ މެމްބަރެކެކެވެ. އަދި އޭނާ ގެންދަވަނީ ޕްރައިމަރީގައި ރައީސް ސާލިހަށް ކެމްޕޭންވެސް ކޮށްދެއްވަމުންނެވެ.
މިހާރު ކުރިޔަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންކަމަށްވާ އެޕާޓީގެ އިސްލީޑަރު ރައީސް ސާލިހާއި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނި މިމަހުގެ 28ވަނަ ދުވަހުއެވެ.



