އިންޑިއާއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ސްމާޓްވޮޗް މާކެޓް
ދުނިޔޭގެ އެންމެ ބޮޑު ސްމާޓްވޮޗް މާކެޓަށް އިންޑިއާ ވެފައިވާ ކަމަށް ކައުންޓާޕޮއިންޓްގެ ރިޕޯޓެއްގައި ބުނެފިއެވެ. އެރިޕޯޓްގައި ވާގޮތުން ޗައިނާ އާއި ޔޫރަޕް ފިޔަވައި އެހެން ހުރިހާ މާކެޓަކުން ވެސް ވަނީ ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ. ދުނިޔޭގެ ފެންވަރަށް ބަލައިފިނަމަ، 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދުނިޔޭގެ ސްމާޓްވޮޗް މާކެޓުގެ ޝިޕްމަންޓްތައް ވަނީ 30 އިންސައްތަ އިތުރުވެފައިކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.
ކައުންޓަރޕޮއިންޓް ރިސާޗުން ދުނިޔޭގެ ބާޒާރުގައި ސްމާޓްވޮޗް މޮޑެލްގެ ވިޔަފާރީގެ ދިރާސާއެއް ހަދާފައިވާއިރު، އެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ސްމާޓްވޮޗް މާކެޓުން ވަނީ ސްމާޓްވޮޗް އުފެއްދުމުގައި ވަރަށްބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ. އެރިޕޯޓްގައި ވާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދުނިޔޭގެ މާކެޓްގައި ސްމާޓްވޮޗް ޝިޕްމަންޓް 30 ޕަސެންޓް އިތުރުވެފައިވެއެވެ.
ވަކިން ހާއްސަކޮށް އިންޑިއާއިން އެންމެ ރަނގަޅު ކުރިއެރުމެއް ދައްކައިފައިވާއިރު، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އިންޑިއާގެ ސްމާޓްވޮޗް މާކެޓް 171 އިންސައްތައިގެ ކުރިއެރުމާއެކު އިންޑިއާވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ސްމާޓްވޮޗް މާކެޓަށް ކަމުގައި ކައުންޓާޕޮއިންޓްގެ ރިޕޯޓްގައި ބުނެފައިވެއެވެ.
2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުން ފެށިގެން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް އެންމެ ބޮޑު ސްމާޓްވޮޗް މާކެޓުގެ ގޮތުގައި އޮތް އުތުރު އެމެރިކާވެސް މިވަގުތު އޮތީ އިންޑިއާއަށްވުރެ ދަށުގައެވެ. އެހެންނަމަވެސް އުތުރު އެމެރިކާއިންވެސް ވަނީ 21 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
ކައުންޓާޕޮއިންޓްގެ ދިރާސާވެރިޔަކު ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގެ މި ކުރިއެރުމަކީ އެ ގައުމުގައި ފެސްޓިވަލް ސީޒަން އޮތުމާއި ގުޅިގެން ލިބިގެންދިޔަ ކުރިއެރުމެކެވެ. އޭނާ ފާހަގަކުރިގޮތުގައި އެ ފެސްޓިވަލްގައި މައިގަނޑު ގޮތެއްގައި ސްމާޓްވޮޗްގެ ވިޔަފާރި 24 ގަޑިއިރު ކުރިއަށްދިޔައެވެ.
މީގެ އިތުރުން އިންޑިއާގެ ބްރޭންޑްތަކުން ވަނީ ހެޔޮ އަގުގައި ޕްރޮޑަކްޓްތައް ތައާރަފްކޮށް ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފުޅާކޮށްފައި ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ. މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ނޮއިސް، ބީއޯއޭޓީ އަދި ފަޔާ ބޯލްޓް ފަދަ ބްރޭންޑްތަކުން ބޮޑެތި ސްކްރީންތަކާ އެކު އަގުހެޔޮ ސްމާޓްވޮޗްތައް ވަނީ މާކެޓަށް ނެރެފައެވެ.
ދުނިޔޭގެ އެންމެބޮޑު މާކެޓަށް އިންޑިއާވެފައިވާއިރު، ސްމާޓްވޮޗް ކުންފުންޏެއްގެ ގޮތުގައި އިންޑިއާގެ މާކެޓުގެ އެއް ވަނަ މަޤާމް ހޯދާފައިވާ ނޮއިސްއިން ވަނީ 218 ޕަސެންޓް އިތުރުކޮށްފައެވެ.
މީގެ އިތުރުން ކަސްޓަމަރުން އިސްކަންދިނީ ބޮޑެތި ޑިސްޕްލޭތަކާއި ބްލޫޓޫތު ކޯލިންއަށް ކަމަށްވާއިރު، ގިނަ ބްރޭންޑްތަކުން ބޮޑެތި ޑިސްޕްލޭ ގަޑިތައް (ގާތްގަނޑަކަށް 1.5 އިންޗި އާއި 1.69 އިންޗި) އަދި ބްލޫޓޫތު މެދުވެރިކޮށްކޯލްކުރެވޭގޮތަށް އުފައްދާފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ކައުންޓާޕޮއިންޓްގެ ރިޕޯޓް ބުނާ ގޮތުން ބްލޫޓޫތު ކޯލިން ފީޗާ އެކުލެވޭ ސްމާޓްވޮޗް އެކަނިވެސް ޖުމްލަ ޝިޕްމަންޓުގައި 58 ޕަސެންޓް ވަނީ ހިއްސާކޮށްފައެވެ.
މިކަމުން އެނގެނީ ބްލޫޓޫތު ކޯލިން އާއި ބޮޑެތި ޑިސްޕްލޭ ހިމެނޭ ހެޔޮ އަގުތަކުގެ ސްޓްރެޓެޖީތަކުގެ ސަބަބުން ދުނިޔޭގެ ސްމާޓްވޮޗްގެ ދާއިރާގައި ލޯކަލް ސްމާޓްވޮޗް ބްރޭންޑްތައް ކުރިއަރައިގެން ގޮސްފައިވާކަމެވެ.
އަނެއްކޮޅުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ވިސްނައިފިނަމަ، އެޕަލް އިން އަލަށް ތައާރަފްކުރި އެޕަލް ވޮޗް ސީރީޒް 8 ވަނީ 48 ޕަސެންޓްގެ ކުރިއެރުމަކާއެކު ދުނިޔޭގެ އެންމެ މަޝްހޫރު ސްމާޓްވޮޗް ބްރޭންޑްގެ މަޤާމް ހޯދާފައެވެ.


