އީރާނު މުޒާހަރާގައި މަރުވި މީހުންގެ އަދަދު 76 ށް އަރައިފި
އިރާނުގެ ސަލާމަތީ ބާރުތަކުން 11 ދުވަހުގެ ހަމަނުޖެހުމުގެ ތެރޭގައި، ބަންދުގައި ހުރި އަންހެނަކު މަރުވުމުން 76 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓެއްގައިވެ އެވެ.
ނޯވޭގެ ޖަމިއްޔާއެއް ކަމަށްވާ އީރާން ހިއުމަން ރައިޓްސް އިން ވަނީ އެ ޚިޔާލުތަފާތުވުންތައް ފިލުވުމަށް ކަމާބެހޭ ފަރާތްތަކުން ނިސްބަތުން ބޮޑު ބާރާއި ދިރިހުރި ވަޒަން ބޭނުންކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.
ދައުލަތުގެ މީޑިއާތަކުން ވަނީ ސަލާމަތީ ބައެއް މުވައްޒަފުން ހިމެނޭ ގޮތަށް މަރުވި މީހުންގެ އަދަދު 41 އަށް އަރާ ކަމަށް ބުނެ، “ހަމަނުޖެހުން ހިންގާ މީހުން” ކަމަށް ތުހުމަތުކޮށްފަ އެވެ.
އަދި އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 20 މީހުންނަކީ ނޫސްވެރިންނެވެ.
“މުޒާހަރާ ކުރާ މީހުންނަށް އަނިޔާކޮށް ގޯނާ ކުރުމުގެ ނުރައްކާ ބޮޑު ކަމަށާއި މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ލައިވް ވަޒަން ބޭނުން ކުރުމަކީ ބައިނަލްއަގްވާމީ ޖަރީމާއެއް،” “އީރާނުގެ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އީރާނުގެ ރައްޔިތުން ކުރާ ޑިމާންޑްތައް ދުނިޔެއިން ދިފާއު ކުރަން ޖެހޭނެ.”އައިއެޗްއާރުގެ ޑިރެކްޓަރު މަހުމޫދު އަމީރީ-މޮޣައްދާމް ވިދާޅުވި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ބުނީ ކަމާބެހޭ ފަރާތްތަކުން އަނިޔާވެރި ރައްދު ދިނުމުން ވަރަށް ކަންބޮޑުވާ ކަމަށާއި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމުގެ ހައްގަށް އިހުތިރާމް ކުރުމަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު މަހުސާ އަމީނީގެ ޖަނާޒާއަށް ފަހު މުޅި އީރާނުގެ 80 އަށް ވުރެ ގިނަ ސިޓީ އާއި ރަށަށް ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަނީ ފެތުރިފަ އެވެ.
ސެޕްޓެމްބަރު 13 ވަނަ ދުވަހު ވެރިރަށް ތެހެރާނަށް ޒިޔާރަތް ކުރަމުން ދިޔަ އުމުރުން 22 އަހަރުގެ ކުރުދީ އަންހެން މީހާ ހިޖާބުން ނުވަތަ ބުރުގާއިން އަންހެނުން އިސްތަށިގަނޑު ނިވާކުރަން ޖެހޭ ހަރުކަށި ގާނޫނާ ހިލާފުވި ކަމަށް ބުނެ އަޚްލާޤީ ފުލުހުން ހައްޔަރުކުރި އެވެ.
ފުލުހުން ބުނީ އަމީނީ މަރުވީ ކުއްލިއަކަށް ހާޓް ފެއިލް ވެގެން ކަމަށެވެ. ނަމަވެސް އޭނާގެ އާއިލާއިން ވަނީ އެ ދައުވާ ދޮގުކޮށް، އޭނާ އަށް އޮފިސަރުން އަނިޔާ ކުރިކަމަށް ތުހުމަތުކޮށްފަ އެވެ.
އޭނާގެ މަރުގެ ސަބަބުން އުފެދުނު އަޚްލާޤީ ފުލުހުންނާއި ޙިޖާބު ޤާނޫނާ ދެކޮޅަށް ކުރެވުނު މުޒާހަރާތައް ވަރަށް އަވަހަށް ބަދަލުވެގެން ދިޔައީ އީރާނުގެ ޝިޔަޢީ މުސްލިމް ދީނީ އިލްމުވެރިންނަށް އެތައް އަހަރެއް ވަންދެން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށެވެ.
އީރާނުގެ އޮފިޝަލުން ވަނީ 1200 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިކަން ވެސް އިއުލާންކޮށްފަ އެވެ.


