ލިވާތު ކުރި ކަމަށް އިއުތިރާފުވެފައިވާ ދޮންދިގަށް ބުރާސްފަތި ދުވަހު ހުކުމް އިއްވަނީ
ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުންހިންގާފައިވާ ބަންގްލަދޭޝްގެ އަލަމްގިރްއާ އެކުގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އަމިއްލައަށ އިތުތިރާފުވެފައިވާ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އަށް ހުކުމް އިއްވުން އަންނަ ބުރާސްފައްޗަށް ތާވަލު ކޮށްފިއެވެ.
އަބްދުއްރަހްމާން ރަފީއު ޖިންސީ ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، އޭނާ މައްސަލައިގެ ތަހުގީގަށް ހައްޔަރުވެސް ކުރިއެވެ.
އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އަބްދުއްރަހްމާން ރަފީއު ބުނެފައިވަނީ މައްސަލައިގެ ދައުވާ ކުރިޔަށް ގެންދަން ބޭނުންވަނީ ވަކީލަކާއިއެކުގައި ކަމަށެވެ. އެހެންވެ، ވަކީލެއް ހަމަޖެއްސުމަށް ފަހުގައި މިއަދު ވަނީ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.
މިއަދުގެ އަޑުއެހުމުގެ ކުރިންވެސް ބަޔާނެއް ނެރެ، އޭނާ ވަނީ ކުށަށް އިއުތިރާފުވެ، މާފަށް އެދިފައެވެ.
މިކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު “ވަގުތު” އަށް ވިދާޅުވީ މިއަދު އޮތް ޝަރިއަތުގައި ވެސް އޭނާ އިއުތިރާފުވެފައިވާ ކަމަށާއި އެހެންވެ، ބުރާސްފަތި ދުވަހު އަވަސްނިޔާގެ އަޑުއެހުން ބާއްވަން ޝަރީއަތުން ނިންމާފައިވާ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލަ އެމްޑީ އަލަމްގީރާއި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށް ވެސް އިއުތިރާފުން ވަނީ ސާބިތުވެފައެވެ. އަލަމްގީރްއަށް އިއްވާފައި ވަނީ ހަތް މަހުގެ ޖަލު ހުކުމެކެވެ. ނާޒިމް ސައްތާރު ކުށަށް އަމިއްލައަށް އިއުތިރާފްވުމުން އޭނާގެ މައްޗަށް ތިން މަސްދުވަހު ގޭބަންދުގެ ހުކުމެއް ވަނީ އިއްވާފައެވެ.
