ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރެއްވުމަށް ރައީސް ނިންމަވައިފި
ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސް މިއަދު ނިންމަވާފިއެވެ.
މި އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަކަށް ހުރަސްއަޅައި، އެހަރަކާތުގައި ބައިވެރިވި ފަރާތްތަކާއި ދެކޮޅަށް ބަޔަކު ހިންގި އަމަލުތައް ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވިއެވެ.
އަދި އެ ކޮމެޓީން ވަނީ ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްފައި ވެއެވެ.
އޭގައި ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅުއްވިއެވެ.
މިގޮތުން ރިކޮމެންޑޭޝަން ހުށަހަޅުއްވާފައިވާ ދާއިރާތަކުގެ ތެރޭގައި، ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތާއި، ދީނީ ގޮތުން ޚިލާފް އުފެދޭ ކަންކަމުގައި ޢަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި، އިވެންޓްތައް ރާވައި އިންތިޒާމުކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހި ކުރުވާ ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުއްވުން ހިމެނެއެވެ.

