ސިޔާސީ ދަތިކަމުގެ ސަބަބުން ސަލާމަތީ ކާމިޔާބީތަކަށް ބުރޫއަރާ: އިރާގުގެ ރައީސް
ބަޣްދާދު – އިރާގުގެ ސިޔާސީ ދަތިކަމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ހޯދި ސަލާމަތީ ކާމިޔާބީތަކަށް ނުރައްކާވަމުންދާ ކަމަށް އިރާގުގެ ކެއާޓޭކަރު ބޮޑުވަޒީރު މުސްތަފާ އަލް ކާދިމީ ހޮނިހިރު ދުވަހު އިންޒާރު ދެއްވައިފި އެވެ.
އަލްކަދިމީގެ މި އިންޒާރަކީ 2003 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ އިރާގަށް އަރައިގަތް ފަހުން އިރާގަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ސިޔާސީ ދަތިކަމުގެ ނުރައްކާތެރިކަމުގެ ސާފު އިޝާރާތެކެވެ. އެއީ މިދިޔަ އަހަރުގެ ޕާލަމެންޓްރީ އިންތިހާބަށްފަހު ނުފޫޒުގަދަ ޝީއީ ދީނީ އިލްމުވެރިޔާ މުގްތަދާ އަލްސަދުރުއަށް ތަބާވާ މީހުންނާއި އީރާނުން ތާއީދުކުރާ ވާދަވެރި ޖަމާއަތްތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ނަތީޖާ އެވެ.
އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގައި އަލްސަދުރު ބޮޑު ތާއީދެއް ހޯދި ނަމަވެސް މެޖޯރިޓީ ސަރުކާރެއް އެކުލަވާލުމަށް ނާކާމިޔާބުވުމުން ފާއިތުވި އަހަރުތަކުގައި އިރާގުގައި ދިމާވި އެންމެ ނުރައްކާތެރި އެއް ސިޔާސީ ދަތިކަން ކުރިމަތިވި އެވެ.
އެމަނިކުފާނުގެ ބްލޮކުން ފަހުން މަޖިލީހުން އިސްތިއުފާ ދެއްވުމުން އެމަނިކުފާނުގެ ސަޕޯޓަރުން މިދިޔަ މަހު ވަނީ ބަޣްދާދުގެ ޕާލަމެންޓް އިމާރާތަށް ވަދެފަ އެވެ. މަޖިލިސް އުވާލައި އަވަސް އިންތިހާބެއް ބޭއްވުމަށް އަލްސަދުރު ވަނީ ޑިމާންޑް ކުރައްވާފައެވެ.
“މި ސިޔާސީ ދަތިކަމުގެ ސަބަބުން ސަލާމަތީ ކާމިޔާބީތަކަށާއި ގައުމުގެ ހަމަޖެހުމަށް ނުރައްކާވޭ،” ބަޣްދާދުގައި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ އިސްލާމީ ދުވަސް ފާހަގަކުރައްވައި އަލްކަދިމީ ވިދާޅުވި އެވެ.
“މިހާރު ހައްލަކީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އިރާގާއި އިރާގުގެ މަސްލަހަތަށް ލުއި ދިނުން،” އަލްކާދިމީ ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި އަލްކަދިމީ ވަނީ ސިޔާސީ އިސް ލީޑަރުންނާއި ޕާޓީގެ މަންދޫބުންގެ ބައްދަލުވުމެއް ބާއްވައި ހައްލެއް ހޯދުމަށް ގޮވާލައްވާފަ އެވެ. އޭނާ އިންޒާރު ދެއްވީ “މާރާމާރީތައް ހިނގައިފި ނަމަ ބަޑިޖެހުންތައް ނުހުއްޓޭނެ ކަމަށާއި އަހަރުތަކެއް ވަންދެން ދެމިގެންދާނެ” ކަމަށެވެ.
މިމަހުގެ ކުރީކޮޅު އަލްސަދުރު ވަނީ މުޅި އިރާގުގައި ބޮޑެތި މުޒާހަރާތައް ބޭއްވުމަށް ތައްޔާރަށް ތިބުމަށް ގޮވާލައްވާފައެވެ. ނަމަވެސް އީރާނުން ތާއީދުކުރާ ޖަމާއަތްތަކުން ހަމަ އެދުވަހު މިފަދަ އެއްވުންތަކެއް ބޭއްވުމަށް ގޮވާލުމުން އެ މުޒާހަރާތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
2017 ވަނަ އަހަރު ދާއީޝް ޖަމާއަތް އެގައުމުގައި ބޮޑުތަނުން ބަލިވި ފަހުން އިރާގުގައި ނިސްބަތުން ހަމަޖެހުމެއް ފެނިގެން ދިޔަ ނަމަވެސް ހަނގުރާމަވެރިން ވަނީ ހަމަލާތައް ދިނުމާއި ގިނަގިނައިން ސަލާމަތީ ބާރުތަކަށާއި އަސްކަރީ އަމާޒުތަކަށް މަގުމަތީގައި ބޮން ގޮއްވައި ކޮންވޯއީ ނުވަތަ ޗެކްޕޮއިންޓްތަކަށް ބަޑިޖަހާފަ އެވެ.
ދާއީޝް އުފެދުނު ދުވަސްވަރު، އިރާގުގެ ބޮޑެތި ސަރަހައްދުތައް ކޮންޓްރޯލް ކުރީ އެޖަމާޢަތުންނެވެ.




