މަސްތަކެއް ވަންދެން އޮޕަރޭޓް ކުރަމުންދިޔަ ފޭކް ޕޮލިސް ސްޓޭޝަނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
މަސްތަކެއް ވަންދެން އޮޕަރޭޓް ކުރަމުންދިޔަ ފޭކް ޕޮލިސް ސްޓޭޝަނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ފޭކް ޕޮލިސް ސްޓޭޝަނެއް ހިންގަމުން ދިޔަ ގޭންގެއް އިންޑިއާގެ ބަންކާ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފި ކަމަށް ބިހާރު ސްޓޭޓްގެ ފުލުހުން ބުރާސްފަތި ދުވަހު ބުނެފި އެވެ. އޮފިޝަލުން ބުނާ ގޮތުގައި ގާތްގަނޑަކަށް އަށް މަސް ދުވަސް ވަންދެން ހިންގި ފޭކް ޕޮލިސް ސްޓޭޝަނުން ޚިޔާނާތުގެ ތެރެއިން އެތައް ސަތޭކަ ބައެއްގެ އަތުން ފައިސާ އަތުލައިފައިވެއެވެ.
އަސްލު ބަންކާގެ ފުލުހުންގެ ވެރިޔާ ޝަމްބޫ ޔާދާވް ވިދާޅުވި ގޮތުގައި ފޭކް ޕޮލިސްސްޓޭޝަން ގާއިމްކޮށްފައި ވަނީ އެ ސިޓީގެ ހަގީގީ ފުލުހުންގެ މަރުކަޒާ އެންމެ 500 މީޓަރު ދުރުގައި ހުންނަ ހޮޓަލެއްގެ ތެރޭގަ އެވެ. ބެލެވޭ ގޮތުގައި އެމީހުން ބޭނުންކޮށްފައިވަނީ ސައްހަ ޔުނީފޯމް ތަކަކާއި ހަގީގީ ބަޑި އެވެ.
އޮފިޝަލުން ބުނާ ގޮތުގައި އެ ގްރޫޕުން އެމީހުންގެ ސްކޭމް ހިންގީ ފޭކް ސްޓޭޝަނަށް ވަދެ ޝަކުވާތަކާއި މައްސަލަތައް ހުށަހެޅުމުން އެމީހުންގެ ދިފާޢުގައި ދައުވާކޮށްދޭނެ ކަމަށްބުނެގެންނެވެ. އަދި އިޖުތިމާއީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ނުވަތަ ފުލުހުންގެ މުއައްސަސާއިން ވަޒީފާއެއް ހޯދައިދިނުމަށް އެހީތެރިވާނެ ކަމަށް ވައުދުވެ އެތައް ބައެއްގެ އަތުން ވެސް ފައިސާ ނެގި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ގްރޫޕުން ޑިމާންޑް ކުރީ “ޕްރޮސެސިން ފީ” އަށް 70،000 ރުޕީސްއާ ހަމައަށް، ގާތްގަނޑަކަށް 900 ޑޮލަރާ އެއްވަރު ފައިސާ އެތަނަށް މައްސަލަ ހުށަހަޅާ މީހުންގެ އަތުން ނެގުމަށެވެ.
އަދި މަކަރުވެރިން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ބަޔަކަށް ދުވާލަކު ގާތްގަނޑަކަށް 500 ރުޕީސް (6 ޑޮލަރު) ދީގެން އެ ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން ފަދައިން ބައެއް މީހުންލައްވާ މަސައްކަތް ކުރުވި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެ ސްކޭމް ފަޅާއެރީ އެމީހުންގެ ތެރެއިން އެކަކު ސްޓޭންޑަޑް އިޝޫ ސާވިސް ހަތިޔާރެއް ނޫން ބަޑިއެއް ގެންގުޅުނުކަން ބަންކާގެ ފުލުހުންގެ ވެރިޔާ ޔާދާވްއަށް ފާހަގަވުމުންނެވެ.
މި ހަފްތާގެ ކުރީކޮޅު ފުލުހުން ފޭކް ސްޓޭޝަނެއް ފާސްކުރުމާ ގުޅިގެން ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ އަންހެނުން ހިމެނޭ ގޮތަށް މަދުވެގެން ފަސް ގޭންގް މެމްބަރަކު އެމައްސަލައިގައި ހައްޔަރުކޮށްފައިވެ އެވެ. އެކަމަކު އެ ގޭންގްގެ ލީޑަރު އަދިވެސް ހުރީ މިނިވަންވެފައެވެ. ޔާދާވް ވިދާޅުވީ އަދިވެސް ތަހުގީގު ކުރިއަށްދާކަމަށާއި ކައިރި މުސްތަގުބަލެއްގައި އެކަމުގެ އިތުރު މައުލޫމާތު ހާމަކުރާނެކަމަށެވެ.
އިންޑިއާގައި ފުލުހުންނަށް ހެދިގެން އުޅޭ ގިނަ މައްސަލަތަކެއް މީގެ ކުރިންވެސް ހިނގާފައިވާއިރު، މިއީ މިހާ ގިނަ ދުވަހު ފޭކް ޕޮލިސް ސްޓޭޝަނެއް ކާމިޔާބު ކަމަޢޭކު ހިންގި ފުރަތަމަ ފަހަރު ކަމަށް ފުލުހުންގެ އޮފިސަރަކު ލޯކަލް މީޑިއާއަށް ބުންޏެވެ.



