ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންގެ ސައްހަކަން ކަށަވަރު ކުރުމަށް އާޒިމް ގޮވާލައިފި
އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކުގެ މަންދޫބުންގެ ސައްހަކަން ކަށަވަރު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު އަލީ އާޒިމް ގޮވާލައިފި އެވެ.
އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ގެ 4 ވަނަ ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކުގެ މަންދޫބުންގެ ސައްހަކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
“ޕާޓީން ހަދާފައިވާ ގަވާއިދާ އެއްގޮތައް ކަންކަން ކުރުމަށް ދަންނަވަން. އެމް.ޑީ.ޕީ ކޮންގްރެސްގެ ސައްހަ ކަމާމެދު ފަހުން ސުވާލު އުފައްދާނެ.” އާޒިމް ވިދާޅުވިއެވެ.
އާޒިމް އިއްޔެ އެމްޑީޕީގެ އިދާރާއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މިހާރު ތިބި ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ގޮފިތަކުގެ މަންދޫބުންނާއެކު ކޮންގްރެސް ބާއްވައިފި ނަމަ އެ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދަން ޖާގަ ލިބޭނެ ކަމަށެވެ.
“…މިޕާރޓީގެ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާ އެއްގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫންކަމަށާއި އަދި ގޮފިތަކުން ކޮންގޮރެސްގައި ވާދަކުރާ ފަރާތްތަކުގެ މައުލޫމާތު މިވަގުތާއި ވެސް ރިއްސާކޮށްފައިނުވާތީވެ، އެފަރާތްތައް ކުރިއަށް މި އޮތް ކޮންގްރެސްގައި ބައިވެރި ވެއްޖެނަމަ، ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެ ކަމެއްކަމަށް ދެކެމެވެ.” އާޒިމް އިއްޔެ ފޮނުވު ސިޓީގައި ވިދާޅުވެފައިވެއެވެ.
ކޮންގްރެސް ފަސްކޮށްދޭން ވަކި މުއްދަތަކަށް އެދިފައެއްނުވެ އެވެ. ނަމަވެސް އޭނާ އެދިވަޑައިގެންފައިވަނީ ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށްފަހު ނޫނީ ކޮންގްރެސް ނުބޭއްވުމަށެވެ. އަދި މިހާރު ތިބި ގޮފިތަކުގެ ރައީސުންގެ މައުލޫމާތު އާއްމުކޮށްފައިނުވާތީ އެ މައުލޫމާތުތައް އާއްމު ކުރަންވެސް އެދިވަޑައިގެންފައިވެ އެވެ.

