ޚަބަރު

ރާއްޖެއަށް މިއަށްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަޤީންކަން މިހާރު ލިބިއްޖެ: ރައީސް

މިފަހަރުގެ މި ކާމިޔާބީއާއެކު ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއައްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަޤީންކަން މިހާރު ލިބިއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައި.އެސް.ޖީ.2021) ގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުހަބާ ވިދާޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ހާއްސަކޮށް ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް އިތުރު ފުރުސަތުތައް ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އައިއެސްޖީގައި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނަން ރަން އަކުރުން ފެވިގެންދާނެ ކާމިޔާބީއެއް ކަމަށެވެ.

“ކުރިން ރާއްޖެއަށް ގިނަ ކާމިޔާބީތައް ޙާޞިލު ކުރެވެމުން ދިޔައީ ސަރަޙައްދީ މުބާރާތްތަކުން ކަމުގައި ވީނަމަވެސް މިފަހަރުގެ މި ކާމިޔާބީއާއެކު ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއައްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަޤީންކަން މިހާރު ލިބިއްޖެ.” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރުތައް ތަރައްގީކުރުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.

ހަމައެއާއެކު އެކަންކަން މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް، މުބާރާތްތަކުގައި ބައިވެރިވޭނެ ފުރުސަތުތައް އިތުރުކޮށްދިނުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވި އެވެ.

ފަޚުރުވެރި ކާމިޔާބަކަށްފަހު ގައުމީ ޓީޓީ ޓީމު ރާއްޖެ އައުމާއެކު ޓީމަށްވަނީ ހޫނު މަރުޙަބާއެއް ކިޔާފަ — ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ރާއްޖޭގެ އެތުލީޓުން ބޭރުގެ އެކި ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ ތަމްޞީލުކުރުމުން ކުޅިވަރުގެ ދާއިރާއަށް އެލިބޭ ކުރިއެރުންތަކާއެކު އެއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އިތުރަށް މަޝްހޫރުވެ ރާއްޖޭގެ މަޤްބޫލުކަން އިތުރުވެގެންދިއުން ފަދަ އެތައްފައިދާތަކެއް އެކުލެވޭކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އައި.އެސް.ޖީ ގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close