ޚަބަރު

އަލަމްގިރިގެ މަޅީގައި ޖެހުނު ކަމަށްބުނާ 250 މީހުންގެ ތެރެއިން 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި


ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށްބުނާ ދިވެހި ފިރިހެނުންގެ 250 މީހުންގެ ތެރެއިން އެ މައްސަލައިގެ ތުހުމަތުގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

މާލޭގައި ހުންނަ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި ޒުވާން އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ލީކް ކުރަން ފަށައިފައެވެ. އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން އަންނަ މައްސަލަ މިދިޔަ މާޗް މަހުން ފެށިގެން ފުލުހުންގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ.

މި މައްސަލާގައި ކުރިން ޕާސްޕޯޓް ހިފެހެއްޓީ ފުރަތަމަ ލީކުކޮށްލި ވީޑިއޯގައި ހިމެނޭ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ (ކާނަލް)ގެ އިތުރުން ނޫސްވެރިޔާ ނަސީރާއި އަދި އެ މައްސަލައިގާ ދެން ހައްޔަރުކުރި ފުލުސް މީހާގެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަަމަށެވެ.

ގިނަ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެ އިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މައްސަލައިގައި ހިމެނޭ ގިނަ ބައެއްގެ ވީޑިއޯ ފުލުހުންނަށް މިހާރު ވަނީ ލިބިފައެވެ. މައްސަލައާ ގުޅިގެން އިތުރު މީހުންނަށް ފިޔަވަޅު އަޅަން ފަށާފައިވަނީ އެ ވީޑިއޯތަކުގެ ފޮރެންސިކް އެނަލަސިސް ހެދުމަށް ފަހު، އެމީހުންގެ މައްޗަށް އެކަށިގެންވާ ވަރަށް ތުހުމަތު ކުރެވޭތީއެވެ.

ފުލުހުން އަންނަނީ އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ސަރުކާރުގެ އެކި މަގާމްތަކުގައި އުޅޭ ނަމަ މުއައްސަސާތަކަށް ތަހުގީގު ހިނގާކަން އަންގަމުންނެވެ.

މިހާތަނަށް މުދިމަކާއި، ގުރުއާނާއި ބެހޭ މަރުކަޒުގެ އިސްވެރިޔަކާއި، ސިފައިންގެ ބޭކަލަކާއި، ކަސްޓަމްސްގައި މަސައްކަތް ކުރާ ދެ އޮފިސަރެއްގެ އިތުރުން ޓީޗަރެއްވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އެ މީހުން ސަސްޕެންޑް ކޮށްފައިވަނީ ތަހުގީގަށް ލިބިފައިވާ ވީޑިއޯތަކުގެ އެނަލަސިސް ހެދުމަށް ފަހުގައި އެމީހުންނަށް އެފަދަ ތުހުމަތުތަކެއް ކުރެވޭތީ އެކަން ފުލުހުންގެ ފަރާތުން އެ އިދާރާތަކަށް ހިއްސާ ކުރުމުންނެވެ.

އަލަމްގިރި ހިމެނޭހެން މި މައްސަލައިގައި މިހާތަނަށް ނާޒިމާއި ކާނަލް ނަޝީދާ އެކު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ބައެއް މީހުންގެ ބަންދުގެ މުއްދަތު ވަނީ ދެ ވަނަ ފަހަރަށް އިތުރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close