އާލިއާ ބަޓް އަކީ ބޮލީވުޑްގެ ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާ (2012) ގައި ޝަނާޔާ ސިންގަނިއާގެ ރޯލުން މަޝްހޫރުވެފައިވާ އިންޑިއާގެ މަޝްހޫރު ބަތަލާއެކެވެ. އޭނާ އަކީ ބޮލީވުޑްގެ ސްޓާރުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބޭ އެއް ބަތަލާއެވެ. މަޝްހޫރުކަމާއި އާމްދަނީގެ ސަބަބުން 2014 ވަނަ އަހަރު ފޯބްސް އިންޑިއާގެ ސެލެބްރިޓީ 100 ގެ ލިސްޓުގައި ހިމެނުނު އިރު ފޯބްސް އޭޝިއާގެ 30 އަންޑަރ 30 ގެ ލިސްޓުން ވެސް އޭނާވަނީ ޖާގަ ހޯދާފައެވެ.

ބަޔޮގްރަފީ
އާލިއާ އުފަންވީ 15 މާރޗް 1993 ގައި އިންޑިއާގެ މަހާރާޝްތުރާގެ މުމްބާއީ އަށެވެ. އޭނާ ނިސްބަތްވަނީ އިނގިރޭސި-އިންޑިއާ ދަރިކޮޅަށެވެ. ފިލްމީ ފަސްގަނޑަކަށް ނިސްބަތްވާ ނަމަވެސް، ފިލްމީ ތަރިއަކަށް ވުމުގެ ހުވަފެން އަބަދުވެސް އޭނާ ދެކެމުން ދިޔައެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ވެގެން ދިޔައީ ކަރަން ޖޯހަރުގެ ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާގެ ލީޑް ރޯލު ލިބުމުންނެވެ. ބޮލީވުޑްގައި އޭނާ ދެއްކި ހުނަރަށް މިވީ ކުރުމުއްދަތުގެ ތެރޭގައިވެސް ގިނަ އެވޯޑްތަކެއް ލިބިފައިވެއެވެ.
ސިދާތު މަލްހޯތުރާ، ވަރުން ދަވަން، ރިޝީ ކަޕޫރު، ރަންދީޕް ހޫޑާ، އަރްޖުން ކަޕޫރު، ރޮނިޓް ރޯއީ، ރިތޭޝް ދޭޝްމުކް، ޝާހިދު ކަޕޫރު، ދިލްޖިތު ދޮސާންޖް، ރަންބީރު ކަޕޫރު، އަދި ޝާހްރުކް ޚާން ފަދަ މަޝްހޫރު އެތައް އެކްޓަރުންނާ އެކު އާލިއާ މަސައްކަތް ކޮށްފައިވެއެވެ. އަދި މޮޑެލްއެއްގެ ގޮތުގައިވެސް ގިނަ އަދަދެއްގެ މޮޑެލިން މަސައްކަތްތަކެއް ވެސް ކޮށްފައިވެ އެވެ. އެ ހުރިހާ ކަމެއްގެ އިތުރުން ލަވަކިޔުމުގެ ހުނަރަކީވެސް އާލިއާއަށް ގުދުރަތީ ގޮތުން ލިބިފައިވާ ފާހަގަކޮށްލަން ޖެހޭފަދަ ކުޅަދާނަ ހުނަރެކެވެ.
ޖިސްމާނީ ސިފަ
އާލިޔާ މަޝްހޫރުވެފައިވަނީ ހަމައެކަނީ އޭނާގެ އެކްޓިންގެ މޮޅުކަމަކުން ނޫނެވެ. އޭގެ އިތުރުން އޭނާގެ ރީތި ލޫކްސް ތަކަކީވެސް ބޮލީވުޑްގައި އޭނާ މަޝްހޫރުވުމަށް ލިބިގެންދިޔަ ބޮޑުބާރެކެވެ.

ފުރާވަރުގެ ދުވަސްވަރު ޗަބީކޮށް ހުރި އާލިއާގެ ބަރުދަނުގައި ގާތްގަނޑަކަށް 65 ކިލޯ ހުރި ނަމަވެސް ގަވާއިދުން ކަސްރަތު ކުރުމާއި ހަރުކަށި ޑައިޓް ޕްލޭނަށް ފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑު ފިޓް ކޮށްލި އެވެ.
އިސްކޮޅުގައި ގާތްގަނޑަކަށް 5’3’’ ހުންނައިރު، ކަޅު ދެލޮލާއި ފަނޑު މުށިކުލައިގެ އިސްތަށިގަނޑެއް ގުދުރަތުން އޭނާއަށްވަނީ ދެއްވާފައެވެ.

ފެމިލީ، ކާސްޓް އަދި ބޮއިފްރެންޑް
އޭނާ އުފަންވީ ފިލްމީ ތަރި މަހޭޝް ބަޓް އާއި ބަޠަލާ ސޯނީ ރަޒްދާން އަށެވެ. އާލިއާގެ ބައްޕަ ނިސްބަތްވަނީ ގުޖުރާތު-ހިންދޫ އާއިލާއަކަށް ވާއިރު، މަންމަ ނިސްބަތްވަނީ ކަޝްމީރީ-ޖަރުމަނު-މުސްލިމް އާއިލާއަކަށެވެ. އެއާއިލާގައި އޭނާގެ ދޮށްޓަށް ޝާހީން ބަޓް ހުންނައިރު އޭނާ އަކީ ޕްރޮފެޝަންގައި ލިޔުންތެރިއެއްކަން ފާހަގަކޮށްލެއެވެ. އަދި ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރާ އެއްބަނޑު އެއްބަފާ ކޮއްކޮ ޕޫޖާ ބަޓް އާއި ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރާ ސްޓެޕް ބްރަދަރ ރާހުލް ބަޓް ވެސް އެއާއިލާގައި ހުރެއެވެ.


އާލިއާ ހަވަނަ ކުލާހުގައި ކިޔަވަން އުޅުނުއިރު ރަމޭޝް ދުބޭ އާއި ލޯބީގެ ގޮތުން ގުޅުނުއިރު، އަށްވަނަ ކްލާހުގައި ވަނީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އަލީ ދަދަރުކާރާއި ވެސް ލޯބީގެ ގޮތުން ރައްޓެހިވެފައެވެ. މީގެ އިތުރުން މަޝްހޫރު އެކްޓަރު ވަރުން ދަވަން އާއި ވެސް އޭނާ ލޯބީގެ ގޮތުން ގުޅުނު ކަމުގެ އަޑު ވެސް ވަނީ ފެތުރިފަ އެވެ.



ފިރިމީހާ
2018 ވަނަ އަހަރު ބްރަޙްމާސްޓްރާ އުފެއްދުމުގެ ތެރޭގައި އާލިއާ ވަނީ މަޝްހޫރު ފިލްމީތަރި ރަންބީރު ކަޕޫރާ ލޯބީގެ ގޮތުން ރައްޓެހިވެފައެވެ. އާލިއާ ބުނާގޮތުން ނަމަ އުމުރުން 11 އަހަރުން ފެށިގެން އޭނާދިޔައީ ރަންބީރާ މެދު ސީރިއަސްކޮށް ވިސްނަމުންނެވެ. އެންމެފަހުން ލޯބިވާކަން ވެސް ހާމަކުރީ އާލިއާ އަމިއްލައަށެވެ.

14 އޭޕްރީލް 2022 ގައި މުމްބާއީގެ ވަސްޓޫ ބިލްޑިންގްގައި ބޭއްވި އިންޓިމޭޓް ޚާއްޞަ ރަސްމިއްޔާތެއްގައި އެ ދެމަފިރިން ވަނީ ކައިވެނިކޮށްފައެވެ.

ވަޒީފާ ނުވަތަ ކެރިއަރ
ސްކޫލް ތައުލީމު ހާސިލްކުރީ މުމްބާއީގެ ޖަމްނަބައި ނަރުސީ ސްކޫލުގަ އެވެ. އުމުރުން 4 އަހަރުގައި ޝިޔާމާކް ދަވަރުގެ ނެށުމުގެ ސްކޫލުގައި އާލިއާގެ ނަންނޯޓް ކުރެވުނެވެ. އޭނާ ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެން ދިޔައީ 1999 ވަނަ އަހަރު ކުޑަކުދިންގެ އާޓިސްޓެއްގެ ގޮތުގައި ބޮލީވުޑްގެ ފިލްމު “ސަންގަރްޝް” އިން ޒުވާން ޕްރީތީ ޒިންތާ ފެނިގެން ދިޔަ ފިލްމުންނެވެ.

2012 ވަނަ އަހަރު ފިލްމް ސްޓޫޑެންޓް އޮފް ދަ އިޔާގެ ބަތަލާއެއްގެ ގޮތުގައި ފުރަތަމަ ލީޑް ރޯލު އާލިއާއަށް ލިބުނެވެ. އޭނާ ސޮއިކުރީ މި ފިލްމަށް އޮޑިޝަން ދިން 400 އަންހެން ކުދިންގެ ތެރެއިން ހޮވިގެންނެވެ. މި ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު އޭނާއަށް މި ރޯލު ހުށަހެޅި ނަމަވެސް އޭގެ ކުރިން އޭނާ ބުނީ މި ފިލްމުގައި ފެނިގެންދާން ބޭނުން ނަމަ ބަރުދަން ލުއިކޮށްދިނުމަށެވެ.
އާލިއާ ކުއްލިއަކަށް ހިކެން މަޖުބޫރުވުމަކީ ދިމާވި ވަރަށްބޮޑު ގޮންޖެހުމެކެވެ. ނަމަވެސް އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 16 ކިލޯގެ ބަރުދަން އާލިއާ ލުއިކޮށްލި އެވެ. މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނީ ރަނގަޅު ރިވިއުތަކެކެވެ.

2014 ވަނަ އަހަރު އޭނާ ވަނީ އަންހެނުންގެ ރައްކާތެރިކަމުގެ މައްޗަށް ބިނާކޮށް ވިކާސް ބަހުލްގެ ކުރު ފިލްމެއް ކަމަށްވާ “ގޯއިންގް ހޯމް” އިން ފެނިގެން ގޮސްފަ އެވެ.

އަދި 2 ސްޓޭޓްސް (2014) އާއި، ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިއާ (2014) އާއި، ކަޕޫރު އެންޑް ސަންސް (2016) އާއި، ޑިއާ ޒިންދަގީ (2016) ގެ އިތުރުން ބަދުރީނާތު ކީ ދުލްހަނިއާ (2017) ފަދަ އެތައް ހިޓް ފީޗާ ފިލްމުތަކެއް ވެސް އޭނާ ވަނީ ކުޅެފަ އެވެ.

އަދި ރީތި ހިތްގައިމު އަޑެއް ލިބިފައިވާ އާލިއާވަނީ ފިލްމު ހައިވޭ (2014) ގެ ސޫހާ ސާހާ، ފިލްމު ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިއާ (2014) ގެ ސަމްޖަވާން އަންޕްލަގްޑް، ފިލްމު އުދުތާ ޕަންޖާބު (2016) ގެ އިކް ކުދީ (ކްލަބް މިކްސް)، ލަވް ޔޫ ޒިންދަގީ ފަދަ މަޝްހޫރު ބައެއް ލަވަތައް ކިޔައިދީފައެވެ.
އަދި (ކްލަބް މިކްސް) އާއި ފިލްމު ޑިއާ ޒިންދަގީ (2016)ގެ އޭ ޒިންދަގީ ގަލޭ ލަގާ ލެ – 2، އަދި ފިލްމު ބަދުރީނާތު ކީ ދުލްހަނިއާ (2017) ގެ ހުމްސާފަރު (އާލިއާގެ ވާޝަން) ހިމެނެއެވެ.
2022 ވަނަ އަހަރު ޕްރޮޑިއުސަރެއްގެ ގޮތުގައި އާލިއާ ތައާރަފްވީ ފިލްމު ޑާލިންގްސް އިންނެވެ. މި ފިލްމު ކޯ ޕްރޮޑިއުސް ކޮށްފައިވަނީ އެސްއާރުކޭގެ ރެޑް ޗިލީސް އިންނެވެ. [1]ފިލްމްފެއާ
ފެކްޓްސް:
- އެއީ ބަތަލާ ކަރީނާ ކަޕޫރުގެ ވަރަށް ބޮޑު ފޭނެކެވެ.
- ދޭތެރެ ދޭތެރެއިން ބަނގުރާ ބޯލައެވެ.
- އާލިއާ އޭނާގެ ފެޝަން ލޭބަލް ތައާރަފްކުރިއިރު، އޭނާގެ އުފެއްދުންތައް ވިއްކަނީ އޮންލައިން ޝޮޕިން ޕޯޓަލްއެއް ކަމަށްވާ ޖަބޮންގް ޑޮޓްކޮމް އިންނެވެ.
- އަދި ކޯއެގްޒިސްޓް ގެ ނަމުގައި އުފެއްދި އިކޯލޮޖިކަލް އިނިޝިއޭޓިވް ވެސް އުފެއްދެވި އެވެ.
- އެތައް ކޮންސެޓް ޓުއާތަކާއި ސްޓޭޖް ޝޯތަކުގައި ބައިވެރިވެފައި ވެއެވެ.
- އާލިއާ ބަޓް އަކީ އެއްވެސް ދީނެއް ޤަބޫލު ނުކުރާ އޭތީސްޓެކެވެ.
- ޖަނަވާރުތަކަށް ލޯބިކުރާ އާލިއާ އަކީ ގެދޮރު ނެތް ޖަނަވާރުތަކާ މެދު މީހުން ހޭލުންތެރިކޮށްދޭ ނަން ޕްރޮފިޓް ޖަމިއްޔާ ޕީޕަލް ފޯ ދަ އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕެޓާ) ގެ މެމްބަރެކެވެ.
- ކޮންމެ ރެއަކު ޑައިރީއެއް ލިޔުމުގެ އާދަ އާލިޔާއަށް އެބައޮތެވެ.
- ނިދަން ވަރަށް ލޯބިކުރާ ކަމަށާއި ސްޓްރެޗް އެއްގައި 14 ގަޑިއިރު ނިދާލެވޭނެ ކަމަށް ވެސް ބުންޏެވެ.
- ހޫނު ބުއިންތަކާއި ކާނާ ކެއުމަށް ނަފްރަތު ކުރެއެވެ.
- އާލިޔާއަކީ ކުލަ ޖެހުމުގެ މޮޅު ހުނަރުތަކެއް ހުރި ފަންނުވެރިއެކެވެ. އޭނާ ވަނީ ޗާކޯލްގެ ރީތި އެތައް ކުރެހުންތަކެއް ހަދާފައެވެ.
- ސިންގާގެ ތަސްވީރު ކުރަހަން ވަރަށް ލޯބިކުރެއެވެ.
- ރަތް ކުލައަކީ އޭނާ އެންމެ ގަޔާވާ ކުލައެވެ.
- ވައިގެ މަގުން ދަތުރުކުރާއިރު އޭނަ ވަރަށް ހާސްވެއެވެ.
- ބައްޕަގެ ހުރިހާ ޑައިރެކްޓަރީ ފިލްމުތަކުގެ ތެރެއިން އޭނާ އެންމެ ގަޔާވާ ފިލްމުތަކަކީ ދިލް ހައި ކޭ މަންތާ ނާހިން (1991) އާއި ހުމް ހޭން ރާހީ ޕިޔާރް ކޭ (1993) ކަމަށާއި މި ފިލްމުތަކުގެ ބައެއްގެ ގޮތުގައި އުޅެން ބޭނުންވާ ކަމަށް ބުނެއެވެ.
- ވަރަށް ކަށިމަޑު ފްލެކްސިބަލް ކުއްޖެކެވެ. ވަރަށް ފަސޭހައިން ފައިގެ ބޮޑުވައި އިނގިލީގައި އަތްލާއިރު ކަކުލު ހުޅު ފަސޭހަކަމާއެކު އަނބުރާލައެވެ.
- އަންހެން ސެންޓު ބޭނުން ކުރުމުގެ ބަދަލުގައި އަބަދުވެސް ބޭނުން ކުރަނީ ފިރިހެނުންގެ ސެންޓެވެ.
- ކެންޑެލް ލައިޓް ޑިނަރ ކަމަކު ނުދެއެވެ.
- އާލިއާ ބަޓް ނަށަން ޝައުގުވެރިވެ، ތަފާތު ނެށުމުގެ ގޮތްތައް ޓްރައި ކުރެ އެވެ. އޭނާ އެންމެ ގަޔާވާ ނެށުމުގެ ފޯމްތަކަކީ ކަތަކް އާއި ބެލެޓް އެވެ.
- އަދި ހޭންޑްބޯލް ކުޅުމަށް ވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.
- ޔޯގަޓް އަށް އެޑިކްޓް ވެ އެވެ.
- އާލިއާ އަކީ ޑިޒައިނަރު މަސާބާ ގުޕްތާގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި އެމީހުންގެ އަންހެން ކުއްޖާގެ ގޭންގަށް ކިޔަނީ ސްޕައިސް ގާލްސް ކަމަށް ބުނެފައިވެއެވެ.
- ފްރެންޗް ފްރައިސް ވަރަށް ކަމުދެއެވެ.
- އޭއައިބީގެ ކުރު ކޮމެޑީ ވީޑިއޯ ޖީނިއަސް އޮފް ދަ އިޔާ އިން އޭނާ ފެނިގެންދިޔައެވެ.
- އާލިއާ ބަޓް އަށް ދައުވަތު ދީފައި ވަނީ މިއުޒިކް ޑައިރެކްޓަރު އޭ.އާރް. ރަހުމާން އޭނާގެ މިއުޒިކް ސްކޫލުގެ ބަޔަކަށް ވެގެން ލަވަކިޔުމުގެ ހުނަރު ކުރިއަރުވާށެވެ.
- ލަންޑަނުން ގެއެއް ގަތުމުގެ ހުވަފެން އޭނާ އެބައޮތެވެ.
- އަދި ޕާކިސްތާނުގެ މަރުވެފައިވާ ޕޮޕް ލަވަކިޔުންތެރިޔާ ނާޒިޔާ ހަސަންގެ ބަޔޮގްރަފިކަލް ފިލްމެއް ވެސް ހަދަން އޭނާ ބޭނުންވެ އެވެ.
- އާލިއާ އޭނާގެ ފުރަތަމަ ފިލްމު ޑައިރެކްޓްކޮށް ޕްރޮޑިއުސް ކުރާކަށް ބޭނުމެއް ނުވިއެވެ.
- ކޮކާކޯލާ، މޭބެލައިން، އަދި ގާނިއާ ފަދަ އެތައް ބްރޭންޑްތަކެއް އެންޑޯސް ކުރި އެވެ.
- އެތައް އަހަރެއް ވަންދެން އޭނާ ވަނީ އިންޑިއާގެ ފޮޓޯގްރާފަރު ދަބު ރަތްނާނީގެ ސެލެބްރިޓީ ކެލެންޑަރުގެ ޝޫޓިންތައް ހަދައިފަ އެވެ.
- ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލައަށް މަރުވުމާ ގުޅިގެން އުފެދުނު ނެޕޮޓިޒަމް ރޯއާ ގުޅިގެން އޭނާގެ އިންސްޓަގްރާމް އިން ގިނަ ފޮލޯވަރުންތަކެއް ގެއްލިފައިވެ އެވެ. ކަރަން ޖޯހަރާއި އިންޑަސްޓްރީގެ އިތުރު އެތައް ޝަޚުސިއްޔަތެއްގެ ތެރޭގައި ސަލްމާން ޚާން، ސަންޖޭ ލީލާ ބަންސާލީ، އަދި އެކްތާ ކަޕޫރާއި އެކު އިންޑަސްޓްރީގައި ނެޕޮޓިޒަމް ޕްރޮމޯޓް ކުރުމުން ވަރަށް ބޮޑަށް މަލާމާތް ކުރެވުނެވެ. [2]ދަ ޕްރިންޓް

